ހަބަރު

ރަސްފަންނުގެ ވެލި ޕާކް އަލުން ރިންގް ރޯޑްގައި ހިމަނަނީ

މާފަންނު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހިމަނައި ބޮޑު ތަކުރުފާނު މަގުން ވެލި އަޅައި ހުސްފާގައި އުޅޭ ގޮތަށް ބަންދުކޮށްފައިވާ ބައި އަލުން ރިންގު ރޯޑް ތެރެއަށް ވައްދައި އެއް ގައުމު ދަތުރުތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވަން މަސައްކަތް ފަށައިފި އެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރި އިރު ބޮޑު ތަކުރުފާނު މަގުން ބައެއް ރަސްފަންނުގައި ހިމެނި އެވެ. އަދި އެ ބަޔަކަށް ވެލި އަޅާ ބަންދުކޮށް އާންމުންނާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމްކޮށްފައި ވެއެވެ. ނަމަވެސް ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާ ހަމައިން ކުރީގެ ވެސްޓް ޕާކާއި ހަމަޔަށް ބަންދުކޮށްފައިވާ އެބައި އަލުން ރިންގު ރޯޑް ތެރެއަށް ވައްދައި ހުޅުވުމުގެ މަސައްކަތް ފަށައި މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ބަންދު ކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ރަސްފަންނުގެ ވެލި ޕާކް އަލުން އާންމު އެއް ގަމުދަތުރުފަތުރުތަކަށް ހުޅުވާލަނީ މާލޭގެ މަގުތައް ތަރައްގީ ކުރަން އާރްޑީސީ އާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން މަހެއްހާ ދުވަސްތެރޭ ކަނބާ އައިސާރަނި ހިނގުން ބަންދު ކުރަން ނިންމާފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަގު ބަަންދު ކުރުމުން ޓްރެފިކް މައްސަލަ އިތުރުވާނެ ނަމަވެސް ބޮޑުތަކުރުފާނު މަގުން ރަސްފަންނަށް ވައްދާފައިވާ އެ ބައި ހުޅުވުމުން ޓްރެފިކް ފްލޯއަށް ލުއެއް ލިބިގެންދާނެ ކަމަށެވެ.

ރަސްފަންނުގެ ވެލި ޕާކްގައި ހައްދާފައިވާ ބޮޑެތި ގަސްތައް ނަގާ އެހެން ސަރަހައްދަަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަނީ ދެ ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމެންޓަށް ކަނޑައަޅާފައިވާ އަގަކީ 50.96 މިލިއަން ރުފިޔާ އެވެ. އަދި މުޅި ޕްރޮޖެކްޓަށް އަންދާޒާކޮށްފައިވާ ބަޖެޓަކީ 462 މިލިއަން ރުފިޔާ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން އެންމެ ފުރަތަމަ ހަދަން ފަށާނީ ވެސްޓްޕާކް ހިމެނޭ ސަރަހައްދުގެ ހަތް މަގެކެވެ. އަދި ކޮންމެ މަގެއްގެ ދިގުމިނުގައި 1.94 ކިލޯ މީޓަރު ހުންނާނެ އެވެ.