ހަބަރު

ވެލިޕާކް ރިންގް ރޯޑާ ގުޅުވާލައި ހުޅުވައިފި

މާފަންނު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހިމަނައި ބޮޑު ތަކުރުފާނު މަގުން ވެލި އަޅައި ހުސްފައިގައި އުޅޭ ގޮތަށް ބަންދު ކޮށްފައިވާ ބައި ނުވަތަ ވެލި ޕާކް އަލުން ރިންގު ރޯޑް ތެރެއަށް ވައްދައި އާންމު އެއްގަމު ދަތުރުތަކަށް ބޭނުން ކުރެވޭނެ ގޮތަށް ދޫކޮށްލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރި އިރު ބޮޑު ތަކުރުފާނު މަގުން ބައެއް ރަސްފަންނުގައި ހިމެނި އެވެ. އަދި އެތާނގެ ބަޔަކަށް ވެލި އަޅާ ބަންދުކޮށް އާންމުންނާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމްކޮށްފައި އޮތެވެ، ނަމަވެސް ކުރީގެ ރައިވެރިޔާ ރެސްޓޯރެންޓާ ހަމައިން ކުރީގެ ވެސްޓް ޕާކާއި ހަމަޔަށް ބަންދު ކޮށްފައިވާ އެބައި އަލުން ރިންގު ރޯޑް / ބޮޑުތަކުރުފާނު މަގުގެ ތެރެއަށް ވައްދައި މިހާރު ވަނީ ގާ އެތުރުމަށް ފަހު އާންމުކޮށް ހުޅުވާލާފަ އެވެ.

ރަސްފަންނުގެ ވެލި ޕާކް އަލުން މައި މަގާ ގުޅާލާ އާންމު އެއްގަމު ދަތުރުފަތުރުތަކަށް ހުޅުވާލާފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އަދި އެބައި މަގާ ގުޅުވާ ހުޅުވަލީ މާލޭގެ މަގުތައް ތަރައްގީ ކުރަން އާރްޑީސީ އާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން ކަނބާ އައިސާރަނި ހިނގުން ބަންދު ކުރަން ނިންމާފައިވާތީ ކަމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ މަގު ބަަންދު ކުރުމުން ޓްރެފިކް މައްސަލަ އިތުރުވާނެ ނަމަވެސް ބޮޑުތަކުރުފާނު މަގުން ރަސްފަންނަށް ވައްދާފައިވާ އެ ބައި ހުޅުވުމުން ޓްރެފިކް ފްލޯއަށް ލުއެއް ލިބިގެންދާނެ އެވެ.

މި މަގު އާންމުންނަށް މިހާރު ހުޅުވާފައިވާއިރު މީގެ ކުރިން މިތަނުގައި ބަހައްޓާފައިވާ ޖޯލިތަކާއި ހައްދާފައިވާ ބޮޑެތި ގަސްތައް ވަނީ އެތަނުން ނަގައި ގެންގޮސްފަ އެވެ.