ދުނިޔެ

ނިއުކްލިއާ ބާރުވެރިކަން އިތުރެއް ނުކުރާނަން: ޗައިނާ

ދުނިޔޭގެ އެއްވެސް ގައުމަކާ އެކު ނިއުކްލިއާ މުއާހަދާއެއް ހަދައި، ނިއުކްލިއާ ބާރުވެރިކަން އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޗައިނާ ބުނެފި އެވެ.

ޗައިނާގެ ގައުމީ ދިފާއީ އިދާރާގެ ތަރުޖަމާން ސީނިއާ ކާނަލް ޓޭން ކެފޭ ވިދާޅުވި ގޮތުގައި ނިއުކްލިއާ ވާދަވެރިކަމުގެ ތެރެއަށް ވަދެ ފަނާކުރަނިވި ހަތިޔާރު އުފެއްދުމަށް ޗައިނާ އިސްކަމެއް ނުދޭނެ އެވެ.

އެހެން ނަމަވެސް، ކާނަލް ޓޭން ކެފޭ ވިދާޅުވީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ފުދޭ ވަރަށް ނިއުކްލިއާ ބާރުވެރިކަން ދަމަހައްޓާނެ ކަމަށެވެ.

ޗައިނާއިން މި މޭރުމުން ވާހަކަދެއްކި ސަބަބެއް ކަމަށް ބެލެވެނީ -- ރަޝިއާ އާއި އެމެރިކާއާ ދެމެދު ހަދާފައި އޮންނަ -- ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމާ ގުޅޭ މުއާހަދާއިން ރަޝިއާ ބޭރުވެ، ނިއުކްލިއާ ބާރުވެރިކަން އިތުރުކުރަން މަސައްކައްކަތް ކުރާނެ ކަމަށް ބުނުމެވެ.

ގައުމުތަކުގެ މެދުގައި ސިޔާސީ ބާރުވެރިކަން ބެހެވި، ޗައިނާ އާއި ރަޝިއާ ވަރަށް ގާތް ގުޅުމެއް އުފައްދާފައި އޮތުމުން، ދުނިޔޭގެ ބާރުތަކުން ޗައިނާއާ މެދު ތަފާތު ގޮތަކަށް ހީކޮށްފާނެ ކަމަށް ޗައިނާއިން މިބަސް ބުނީ ކަމަށް ވެސް ބެލެވެ އެވެ.

ނިއުކްލިއާ ހަތިޔާރު އިތުރުކުރުމާ ބެހޭ ގޮތުން ރަޝިއާގެ ބަހަކީ، އެމެރިކާގެ އަމަލުތަކަށް ބެލުމަށް ފަހުގައި ނޫނީ އެކަން ނުކުރުމެވެ. މާނަ އަކީ އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓްކޮށްފި ނަމަ ރަޝިއާއިން ވެސް ނިއުކްލިއާ ޓެސްޓްކުރުމެވެ.

ކާނަލް ޓޭން ކެފޭ ވިދާޅުވީ ޗައިނާގެ ސިޔާސަތަކީ އިސްވެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ނޫން ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރަކީ އެއްވެސް ބަޔަކަށް ބިރުދެއްކުމުގެ މަގުސަދުގައި ޗައިނާ ގެންގުޅޭ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ނުގެންގުޅޭ ގައުމަކަށް ޗައިނާގެ ކިބައިން އެ ބާރުވެރިކަން ދުވަހަކު ވެސް ނުުފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނަލް ޓޭން ކެފޭ ވިދާޅުވި ގޮތުގައި ނިއުކްލިއާ ބާރުވެރިކަން އިތުރުކުރުމަށް އެމެރިކާ އަދިވެސް މަސައްކަތްކުރެ އެވެ. އެމެރިކާ އެކަންކުރަނީ ވަރަށް ސިއްރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ކާނަލް ޓޭން ކެފޭ ވިދާޅުވި ގޮތުގައި އެމެރިކާއިން ބަދުނާމު އަޅުވަނީ އެހެން ގައުމުތަކުގެ ބޮލުގަ އެވެ.