އައިޖީއެމްއެޗަށް ބޭނުންވާ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށާއި، އިތުރު އިކުއިޕްމެންޓްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، އައިޖީއެމްއެޗްގައި ހުންނަ މެޝިނުތައް ހުންނަނީ އެކި ޑިޕާޓްމެންޓްތަކުގައި ކަަމަށާއި، އެ މެޝިނުތައް ބޭނުންކުރުމަށް ރިކުއެސްޓް ކުރުމުން އެހެން ޑިޕާޓްމެންޓްތަކަށް ލިބޭނެ ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކުގެ ހޮސްޕިޓަލުތަކުގައި ވެސް އެކަން ކުރާ "ބެސްޓް ޕްރެކްސްޓިސް" ކަމުގައި މިއުވާން ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގަ ވެސް އަމަލުކުރާ ގޮތަކީ ބައެއް އިކުއިޕްމެންޓްތައް މި ހުންނަނީ ވަކި ޑިޕާޓްމެންޓެއްގެ ދަށުގަ. އެހެން ޑިޕާޓްމެންޓަކުން ރިކުއެސްޓެއް އައިއްސިކަމަށް ވާނަމަ އިކުއިޕްމެންޓް މި ފޯރުކޮށްދެނީ. ކުއްލި ހާލަތުގަ އެހެންނަމަވެސް އިކުއިޕްމެންޓް ހުންނާނެ. ދުނިޔޭގަ އަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްގަ ހުންނަނީ މިހެން،" މިއުވާން ވިދާޅުވި އެވެ.
މިގޮތުން އައިޖީއެމްއެޗަށް ބޭނުންވާވަރަށް އެ ހޮސްޕިޓަލުގައި މިހާރު ވެސް މެޝިނުތައް ހުންނާނެ ކަމަށާއި އިކުޕްމެންޓް ނެތިގެން އެފަދަ ހާލަތަކަށް ދާން ނުޖެހޭނެކަމުގެ ޔަގީންކަން މިއުވާން ދެއްވި އެވެ.
"އައިޖީއެމްއެޗްގަ ވެސް ބޭނުންވާ އިކުއިޕްމެންޓްތައް ލިބޭނެ. އިކުއިޕްމެންޓެއް ނެތިގެން އެފަދަ ހާލަތަކަށް ދާ ހިސާބަކަށް ނުދޭ،" މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލްތަކަށް ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން މިއުވާން ފާހަގަކުރެއްވި އެވެ. އަދި އަތޮޅު ތެރޭގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލުތަކާއިއެކު އައިޖީއެމްއެޗްގެ ބާރު ބޮޑުކަން ކުޑަވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި އަލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް، އައިޖީއެމްއެޗުގެ ހޭނައްތާ ޑޮކްޓަރު އިސްމާއިލް ލަތީފު ވަނީ މިދިޔަ އާދީއްތަ ދުވަހު ޓްވީޓެއް ކުރައްވާފަ އެވެ. އަދި އައިސީޔޫގައި އެއް އިރަކު ވެސް އޭގެ މެޝިނެއް ނުހުންނަކަމަށާއި. އެތަނަށް އޭގެ މެޝިނެއް، ވަރަށް ބޮޑަށް ވަނީ ބޭނުންވެފައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން އައިޖީއެމްއެޗުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. މިގޮތުން އެ ހޮސްޕިޓަލުގައި މިހާރު ވެސް އަލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) ސްކޭން ކުރުމަށް ބޭނުންކުރާ ފަސް މެޝީނު ހުރިކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މުދާ ގަތުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، ބައެއް ފަހަރު ޑިޕާޓްމަންޓްތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.