ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ކެފޭއަށް މޫނޫ ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ދެ މީހަކު އިއްޔެގެ ވަގުތެއްގައި އެތަނަށް ވަދެ މުޅި ތަން ސުންނާފަތިކޮށްލީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
އެ ވީޑިއޯ ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު ވީޑިއޯ އިން ފެންނަނީ ބިރުވެރި އަދި ނުރައްކާތެރި ހާލަތެކެވެ.
ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން އަދި ހެލްޓުމެޓް ވެސް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި ކެފޭ ކައިރިއަށް އައިސް ސައިކަލް ޕާކް ކުރުމަށްފަހު ކެފޭއަށް ވަންނަ ގޮތަށް ވަކި ތަނެއް ބެލުމެއް ނެތި ކޯރާޑިއެއް ފާޑު އެއްޗަކުން މުޅި ތަން ތަޅައި ސުންނާފަތިކޮށްލާ ތަނެވެ.
ދެ ފިރިހެނުން ކަމަށް ބެލެވޭ ދެ މީހުން ތަނަށް ވަނުމާ އެކު ކައުންޓަރުގައި ހުންނަ މީހާ އެތަނުގެ އެހެން ދޮރަކުން އެތެރެއަށް ވަނުމަށްފަހު އެތަނުން ނިކުމެގެންދާ ތަން ފެނެ އެވެ. އޭރުވެސް އެތެރޭގައި ތިބި ދެ މީހުން ދިޔައީ ތަނުގައި ހުރިއްޔާ ހުރި އެއްޗެއް ތަޅައި ސުންނާފަތި ކުރަމުންނެވެ.
މި ދެ މީހުން އެތަނުގައި މިނެޓެއްހާ އިރު އުޅެފައި ނިކުމެގެން ދިޔައީ ވެސް ކައުންޓަރުގައި ހުރި އެއްޗެއް ނަގައިގެންނެވެ. މި ދެ މީހުން ކުރާނެހާ ކަމެއް ކޮށްފައި ދިއުމުން އެތަނުގައި ތިބި އާންމުންވެސް ކެފޭއަށް ވަންނަ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ "ޖޫސް ޓައިމް" އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގެއްލުން ދިން ދެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.