އެމްއާރުއެމް

3،000 މެންބަރުން ހަމަނުވާތީ އެމްއާރްއެމް އަށް އަނެއްކާވެސް ނޯޓިސް ދީފި

Feb 24, 2023

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) 3،000 ހަމަނުވާ ޕާޓީއެއްގެ ގޮތުގައި އަނެއްކާވެސް ހިމެނިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އާންމުކުރިއިރު އެމްއާރްއެމް އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ޑީއާރްޕީ ހިމެނެނީ 3،000 މެންބަރުން ހަމަނުވާ ޕާޓީ ތަކުގެ ގޮތުގަ އެވެ.

ޑީއާރްޕީ އާއި އެމްއެލްއެސްޑީޕީ އަކީ އިލެކްޝަންސް ކޮމިޝަނުން އުވާލުމަށް ނިންމާފައިވާ ޕާޓީ އެކެވެ. އަދި ޑީއާރްޕީގެ ލީޑަރުގެ ގޮތުގައި އެންމެ ފަހުން ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ޑީއާރްޕީން އިސްތިއުފާ ދެއްވުމަށްފަހު ގްރީން ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އަދި އެމްއެލްއެސްޑީޕީ އުފެއްދެވި ބޭފުޅުންވެސް ވަނީ އެ ޕާޓީ ދޫކޮށްލާފަ އެވެ.

ނަމަވެސް އެމްއާރްއެމް އަކީ މިހާރު ވެސް ލީޑަޝިޕެއް އޮތް އަދި ކައުންސިލް ބައްދަލުވުންތައްވެސް ބާއްވަމުން ގެންދާ ޕާޓީ އެކެވެ. އަދި އެމްއާރްއެމްގެ ޒައީމުގެ ގޮތުގައި ހުންނެވީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް ނޯޓިސްވެސް ދީފަ އެވެ.

އޭރު ނޯޓިސް ދިނުމާ އެކު އެމްއާރްއެމް އިން ވަނީ 3000 މެންބަރުން ހަމަކުރަން ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އެމްއާރްއެމްގައި މިވަގުތު ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ 3،000 މެންބަރުން ހަމަކުރަން އަނެއްކާވެސް ތިން މަސް ދުވަހުގެ ނޯޓިސް އެމްއާރްއެމްއަށް ދީފަ އެެވެ.

އެމްއާރްއެމްގެ މެންބަރުން ދަށްވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ މެންބަރުން އެހެން ޕާޓީތަކާ ގުޅޭތީ ކަމަށް އެމްއާރްއެމް އިން ކުރިން ބުނެފައިވެ އެވެ. އަދި ޕާޓީގެ މެންބަރުން އެގޮތަށް އަމަލުނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.