ދުނިޔެ

ސްޓާލިންކާ ވާދައަށް ޗައިނާއިން ޖައްވަށް 13،000 ސެޓެލައިޓް ފޮނުވަނީ

ޗައިނާއިން ސްޓާލިންކާ ވަދާކުރަނީ އެވެ. މިކަމަށްޓަކައި ޖައްވަށް 13،000 ސެޓެލައިޓް ފޮނުވުމުގެ މަސައްކަތް އެ ގައުމުން ވަނީ ފަށާފަ އެވެ.

ސްޓާލިންކަކީ އެމެރިކާގެ ކުންފުންޏެކެވެ. ޓެސްލާގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ވެރިކަމުގައި -- ދުނިޔޭގެ ތިރި އޯބިޓްތަކުގައި ދަތުރުކުރާ ގޮތަށް ފޮނުވާ ސްޓާލިންކް ސެޓެލައިޓްތަކުގެ ބޭނުމަކީ އަގުހެޔޮ އަދި ފަސޭހަ މާނައެއްގައި ގައުމުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމެވެ.

ޖައްވަށް ސެޓެލައިޓްތަކެއް ފޮނުވުމުގައި ޗައިނާގެ އޮތް ބޭނުމަކީ ވެސް މިއީ އެވެ. ކަސްޓަމަރުންނަށް އިންޓަނެޓް ފޯރުކޮށްދިނުމެވެ.

މިހާ ބައިވަރު ސެޓެލައިޓްތަކެއް ފޮނުވުމުގައި ޗައިނާގެ އެހެން ބޭނުމެއް ވެސް އެބަ އޮތެވެ. ސްޓާލިންކްތަކުން ޗައިނާ ކަސްޓަމަރުންނަށް އިންޓަނެޓް ފޯރުކޮށްދިނުމުގައި -- ކޮންޓެންޓް ސެންސަރުކުރުމަށް ޗައިނާއަށް ފުރުސަތު ހަނިވުމެވެ.

ބިޔަ ސެޓެލައިޓް ނެޓްވޯކެއް މެދުވެރިކޮށް -- ސްޓާލިންކް ސްޓައިލަށް ޗައިނާއަށް އިންޓަނެޓް ދޭން ފެށުމުން، ސްޓާލިންކް ސެޓެލައިޓްތަކަށް ޗައިނާގެ އޯބިޓްތައް ބަންދުކުރުމަކީ ވެސް އޮތް ފުރުސަތެކެވެ. ނުވަތަ އެ އޯބިޓްތަކުގައި ސެޓެލައިޓްތަކަށް އޮޕަރޭޓް ނުކުރެވޭނެ ގޮތް ހެދުމަކީ ވެސް ޗައިނާގެ އިޚުތިޔާރުގައި އޮތް ކަމަކަށް ވާނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސްޓާލިންކުން މިހާތަނަށް 3،000 ސެޓެލައިޓް ވަނީ ޖައްވަށް ފޮނުވާފަ އެވެ. އަދި 2027 ލައިގަތުމުގެ ކުރިން 12،000 ސެޓެލައިޓަށް އިތުރުކުރަން ވަނީ ނިންމާފަ އެވެ.

ސްޓާލިންކް އޮޕަރޭޓްކުރަނީ އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންގެ ރުހުމާވެސް އެކު އެވެ. މިހެން ކަން އޮތުމުން ސްޓާލިންކް ސެޓެލައިޓް ދަތުރުކުރާ މަގެއްގައި އެހެން ސެޓެލައިޓެއް އޮތް ނަމަ އެ އެއްޗެއް މަގުން ސޮއްސާލުމުގެ ބާރު ސްޓާލިންކް ސެޓެލައިޓްތަކަށް ލިއްބައިދީފައި އޮންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޓާލިންކް ސެޓެލައިޓްތައް ޗައިނާއަށް އުނދަގޫކުރާނަމަ ލޭޒާ ބޭނުންކޮށްގެން ވައްޓާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ޗައިނާ ބުނެ އެވެ. އެ ނޫން ގޮތެއްގައި ސްޓާލިންކަށް ފުރުސަތު އޮންނާނީ ޗައިނާ ސަރުކާރަށް އެއްބާރުލުން ދިނުމުން ކަމަށް އޮފިޝަލުން ބުނެ އެވެ.