ކުޅިވަރު

ފުރަތަމަ މޮޅާ އެކު ގައުމީ ފިރިހެން ވޮލީ ޓީމަށް އުއްމީދެއް

ފޯ ނޭޝަންސް ކަޕްގައި ރޭ ސިންގަޕޫރު އަތުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ހޯދި މޮޅަކީ އިތުބާރާ އެކު ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން ފޯ ނޭޝަންސް ކަޕްގައި ވާދަކުރަނީ މެލޭޝިއާ އާއި އަފްގާނިސްތާނެވެ. ފުރަތަމަ މެޗުގައި މެލޭޝިއާއާ ވާދަކޮށް ފިރިހެން ޓީމު ވަނީ 3-1 އިން ބަލިވެފަ އެވެ. ދެވަނަ މެޗުގައި ރޭ ސިންގަޕޫރު އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗަށް ފަހު ހުޒާމް ބުނީ މެލޭޝިއާ އަތުން ބަލިވިއިރު ގޯސް ހެދުނު ގިނަ ކަންކަން ރޭގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ރަނގަޅުކުރެވުނު ކަމަށެވެ.

"ފުރަތަމަ މެޗުގައި މިސްޓޭކް ހެދުނު. އެކަމަކު މިރޭ އަހަރެމެންގެ ގޭމް ކުޅެފަ މޮޅުވީ. މި ގޭމް ކުޅެފިއްޔާ އަފްގާނިސްތާން އަތުން ވެސް މޮޅުވެވޭނެ" މެޗަށް ފަހު ހުޒާމް ބުންޏެވެ.

ގައުމީ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނީ އަދިވެސް އޭނާ ބޭނުންވާ ކުޅުން ނުދެއްކޭ ކަމަށާއި އެކަމަކު ރޭ ދެއްކި ކުޅުމާ އެކު އަފްގާނިސްތާން މެޗުގައި ރާއްޖެ ޓީމު މޮޅު ކުޅުމެއް ދައްކާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ފަހު މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާ އެވެ. އަފްގާނިސްތާން ވަނީ ފުރަތަމަ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ލީގު ބުރުގެ އަނެއް މެޗުގައި މާދަމާ ވާދަކުރާނީ ސިންގަޕޫރާއި މެލޭޝިއާ އެވެ.

ފިރިހެން ޑިވިޝަން މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުން އެއްވަނަ ހޯދާ ޓީމާއި ހަތަރު ވަނަ ލިބޭ ޓީމެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ފަހު މެޗުގައި ފަސް ސެޓަށް ނުގޮސް އަފްގާނިސްތާން ބަލިކުރެވިއްޖެ ނަމަ ރާއްޖެ އަށް ލީގު ބުރުގެ އެއްވަނަ ލިބޭނެ އެވެ.

ރޭގެ މެޗުގެ ސެޓުތައް ރާއްޖެ އިން ގެންދިޔައީ 26-24، 25-20 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން ހަސަން ނިލާމް އެވެ.

ރޭގެ މެޗުގައި ވެސް ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސޯޝަލް ސެންޓަރަށް ޖަމާވެފަ އެވެ. މެޗުން ބަލިވި ސިންގަޕޫރު ޓީމުން ބުނީ ރާއްޖޭގެ ސަޕޯޓަރުންގެ ފޯރިއާ އެކު އެޓީމުގެ ކޮންފިޑެންސަށް އަސަރުކުރި ކަމަށެވެ.