މާލޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ދެ މެޗުން ބަލިވެ ފައިނަލުގެ ޖާގައަކަށް ސެމީ ފައިނަލް ޕްލޭއޮފްގައި ވާދަކުރަން ޖެހިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި އަންހެން ވޮލީ ޓީމު ވަނީ މެލޭޝިއާއާ ވާދަކޮށް 3-2 އިން ބަލިވެފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މެލޭޝިއާ އަތުން ބަލިވެ، އިއްޔެ ރާއްޖޭގެ ޓީމު ނުކުތީ ސިންގަޕޫރާ ދެކޮޅަށެވެ. ސިންގަޕޫރު އަތުން އަންހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ވޮލީ ކޯޓުގައި އިއްޔެ ކުޅުނު މެޗުގެ ސެޓުތައް ސިންގަޕޫރުން ގެންދިޔައީ 26-28، 21-25 އަދި 14-25 އިންނެވެ.
ފުރަތަމަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ވާދައެއްކޮށް ސެޓު ހޯދުމާ ގާތަށް ޖެހިލާފަ އެވެ. މިގޮތުން 23-21 އިން ރާއްޖެ ކުރީގައި އޮއްވައި ސިންގަޕޫރުން ވަނީ ފަހަތުން އަރައި އެއްވަރުކޮށް 26-28 އިން މޮޅުވެފަ އެވެ. ފުރަތަމަ ސެޓު ގެއްލުމުން ފަހު ދެ ސެޓުގައި އަންހެން ޓީމު ފެނުނީ ބަލިކަށިކޮށެވެ.
ދެވަނަ ސެޓު ސިންގަޕޫރުން ކާމިޔާބުކުރިއިރު މި ސެޓުގެ ކުރީކޮޅު ލީޑުގައި އޮތީ ރާއްޖޭގެ ޓީމެވެ. އެކަމަކު ސެޓުގެ މެދަކާ ހަމައިން ސިންގަޕޫރުން ކުޅުން ރަނގަޅުކޮށް ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ސެޓު ކާމިޔާބުކުރީ އެވެ.
ތިންވަނަ ސެޓުގެ ކުރީކޮޅު ދެޓީމު ފެނުނީ ހަމަހަމަކޮށެވެ. އެކަމަކު އޭގެފަހުން ސިންގަޕޫރުން ވަރުގަދައަށް ކުޅުނުއިރު ރާއްޖޭގެ ޓީމު ފެނުނީ ދަށްކޮށެވެ. ފުރަތަމަ ސެޓު ގެއްލުމުން ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި އަންހެން ޓީމުގެ ކުޅުން ދަށްވި އެވެ.
މެޗަށްފަހު އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު އިބްރާހީމް ބުނީ ނަތީޖާ އެނބުރުމުގައި ފުރަތަމަ ސެޓު ކާމިޔާބު ނުކުރެވުން ބޮޑު ދައުރެއް އަދާކުރި ކަމަށެވެ. ކޯޗު ބުނީ ފުރަތަމަ ސެޓު ނިންމާލަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އަތުގައި އޮތް ސެޓު ގެއްލުމުން އެތަން ޓީމުން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.
އަންހެން ބައިގައި ވާދަކުރަނީ ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އެވެ. ފައިނަލުގެ ސީދާ ޖާގައެއް ލިބޭނީ ލީގު ބުރަށް ފަހު އެއްވަނަ ހޯދާ ޓީމަކަށެވެ. އެއްވަނަ ޖާގަ ކަށަވަރުވާނީ މިއަދު މެލޭޝިއާ އާއި ސިންގަޕޫރު ވާދަކުރާ ލީގު ބުރުގެ ފަހު މެޗަށް ފަހު އެވެ. އެ މެޗު ފަށާނީ މިއަދު 14:30 ގަ އެވެ.
ލީގު ބުރުގެ ދެމެޗުން ބަލިވިޔަސް ފައިނަލަށް ދިއުމުގެ ފުރުސަތު އަންހެން ޓީމަށް އަދި ނުގެއްލެ އެވެ. ސެމީ ފައިނަލް ޕްލޭއޮފް މެޗުގައި އަންހެން ޓީމު ނުކުންނާނީ މިއަދު މެލޭޝިއާ އާއި ސިންގަޕޫރު ކުޅޭ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ޕްލޭއޮފް މެޗުން މޮޅުވެގެން އަންހެން ޓީމަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.