ދުނިޔެ

ޓްރަމްޕާއި ޕޮމްޕެއޯއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެމެރިކާއިން ހޫނު ބަޔާނެއް

އީރާންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ ޖެނުއަރީ 3، 2020 ގައި އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ހޯދައި މަރުގެ އަދަބު ދިނުމަށް އީރާނުން އޮތީ ނިންމާފަ އެވެ.

މި ނިންމުމަށް ހިތްވަރު ދެއްވައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އޭރޯސްޕޭސް ޔުނިޓްގެ ވެރިޔާ ޖެނެރަލް އަމީރު އަލީ ހާޖީޒާދާ ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަކީ ވެސް މަރުގެ ލިސްޓްގައި އޮތް ދެ ބޭފުޅުން ކަމަށެވެ.

އެމެރިކާއަށް ދޭން ތައްޔާރުކުރާ ހަމަލާގެ މިސާލެއް ގޮތުގައި ޖެނެރަލް ހާޖީޒާދާ ވިދާޅުވީ އީރާގުގެ ހުޅަނގު ފަށުގައި އެމެރިކާ ސިފައިން ތިބޭ އައިން އަލްއަސަދު ވައިގެ މަރުކަޒަށް ޖެނުއަރީ 8، 2020 ގައި ދިން ހަމަލާ އަކީ އެފަދަ މިސާލެއް ކަމަށެވެ.

އީރާންގެ މި ބުނުމާ ގުޅިގެން އެމެރިކާއިން ވަނީ ވަރުގަދަ އިންޒާރީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެމެރިކާއަށް ނުރައްކާ ކުރުމުގެ ނިޔަތުގައި އީރާނުން ހިލަމެއްވި ނަމަވެސް އީރާން ދުމަށް ހަދާލާނެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައްޔިތަކަށް ގެއްލުންދިނުމުގެ ނިޔަތުގައި ހަމަލާއެއް ގަސްދުކުރި ނަމަވެސް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގަދަކަން އީރާން ތަޖުރިބާކުރާނެ ކަމަށެވެ.

އެމެރިކާއަށް މީގެ ކުރިން ޚިދުމަތްކުރެއްވި ވެރިޔަކަށް، އޮފިޝަލަކަށް އަދި ޚިދުމަތުގައި ދެމިހުންނެވި އެއްވެސް މީހަކަށް ގެއްލުމެއްދީފި ނަމަ ހިތުން ނުފިލާ ވަރުގެ ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައްޔިތުން ރައްކާތެރިކުރުމަށް އޮތް އަޒުމު އީރާނުން ތަޖުރިބާކުރާނީ ގަދަވޭނާ އެކު ކަމަށްވެސް ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިވަން ދައުލަތްތަކަށް އީރާނުން ދީފާނެ ހަމަލާއަކަށް ރައްދު ދިނުމަށް އެމެރިކާގެ ވަފާތެރިންނަށް ގޮވާލާނެ ކަމަށްވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ނުރައްކާތެރިކަމުން ގައުމުތައް ހިމާޔަތްކުރުމަށް ވަރުގަދަ ހަތިޔާރާއެކު ނުކުންނާނެ ކަމަށްވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ.

ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ގުދުސް ފޯސްގެ ވެރިއަކަށް ހުންނަވަނިކޮށް ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ ޑޮނަލް ޑްރަމްޕްގެ އަމުރަށެވެ. ގާސިމް ސުލައިމާނީ އެއިރު ހުންނެވީ އީރާގުގަ އެވެ.