ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންސް އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވަނީ މިކަން އިއުލާނު ކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެ އެވެ. ފޯމު ލުމަށް ހުޅުވާލާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކެޑިޑޭޓުންގެ ފޯމު ބަލައިގަންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.
ރިޒާ އަވަހާރަވީ ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.
މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވެވި ރިޒާ ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފަ އެވެ.
ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.