ހުޅުމާލެ

އޮފީސް އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިން ދޫކުރަނީ

Feb 26, 2023

ހުޅުމާލޭގައި އޮފީސް އިމާރާތް އެޅުމަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 6،100 އަކަފޫޓުގެ ތިން ބިމާއި 9،600 އަކަފޫޓުގެ ދެ ބިން އޮފީސް އިމާރާތް އެޅުމަށް ހާއްސަކޮށްފައިވާ ކަމަށެވެ.

މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާ ކައިރިންނެވެ.

ބިން ވިއްކަން ނިންމާފައިވަނީ އަކަފޫޓެއް 4،500 ރުފިޔާ އަށެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 6،100 އަކަފޫޓުގެ ބިމެއްގައި 500،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. އަދި 9،600 އަކަފޫޓުގެ ބިމުގައި އެއްމިލިއަން ރުފިޔާ ބަހައްޓަންޖެހެ އެވެ.

ބިމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް 10 ދުވަހުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.

އެޗްޑީސީ ބުނާ ގޮތުގައި މިހާރު ހުޅުވާލާފައިވާ ބިންތަކުގައި އޮފީސް އިމާރާތް ހަދާއިރު ކޮމާޝަލް ބޭނުންތަކަށް އެ އިމާރާތްތަކުގެ ބައެއް ތަންތަން ބޭނުންކުރެވޭނެ އެވެ. މީގެއިތުރުން ބޭސްމެންޓް ޕާކިން އޭރިއާ އާއި ރެސްޓޯރަންޓާއި ކެފޭ ވެސް ހުންނަންޖެހެ އެވެ.