ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ރަނގަޅު ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ސިއްހީ ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތައް ގިނަ ކަމަށާއި އެގޮތުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު އެކި މައްސަލަތައް ކުރިމަތިވާއިރު އެ މައްސަލަތައް ދެނެގަތުން މުހިންމު ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ހައިޟުވުމުގައި ދިމާވާ މައްސަލަތަކާއި ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ދަރިމައިނުވެގެން ކުރަންޖެހޭ ފަރުވާގެ އިތުރުން މާބަނޑުވެގެން ވިހެއުމާ ހަމައަށް ނުވަތަ ވިހެއުމަށްފަހުވެސް މައްސަލަ ދިމާވާކަން ފާހަގަކޮށްފައިވެ އެވެ.
އެފަދަ ގިނަ މައްސަލަތައް ގިނަ ފަހަރު ބިނާވަނީ އުފެދުމުގައި ހުންނަ ކަމަކަށް ނުވަތަ ހެދިބޮޑުވުމުގައި ދިމާވާ ކަމަކަށް ނުވަތަ ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން ލިބޭ އަނިޔާއަކަށް ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ނަފުސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުކުރުވާ ކަންކަމުގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީ، އީޓިން ޑިސްއޯޑާ ފަދަ ބަލިތަކަށް އަންހެނުން ހުށަހެޅިގެން ދިއުން ބޮޑު ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
ދާއިމީ ގޮތެއްގައި ބޭސްކުރަންޖެޙޭ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ، ހިތުގެ ބަލި، ހަކުރު ބަލި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފިރިހެނުންނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް އަންހެނުންނަށް އެފަދަ ބަލިތަކުގެ ނުރައްކާ ބޮޑު ކަމަށް ފާހަގަކޮށްފައިވެ އެވެ.
"މާލީ ހާލަތު ހުންނަ ގޮތުން، ނުވަތަ އާއިލީ ޒިންމާތަކުގެ ސަބަބުން، ނުވަތަ އަންހެނަކަށް ވީތީ ކުރިމަތިކުރުވާ ތަފާތުކުރުންތަކުގެ ސަބަބުން، ސިއްހީ ހިދުމަތް ހޯދުމަށް ސިއްހީ ހިދުމަތްތެރިންނާ ހަމައަށް ދިޔުން އަންހެނަކަށް ވީތީ ބައެއްފަހަރު އުނދަގޫވެގެންދާކަން ފާހަގަކުރެވޭ،" ގަރާރުގައިވެ އެވެ.
ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ މައިންނާއި ޅަދަރިންނަށް ލިބުމުން މަހުރޫމްވާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދަރިންގެ ހަރަދު ނުލިބުމެވެ. މާލި ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއެކު ތަހައްމަލު ކުރާ ވޭނާއި ތަކުލީފުތަކާއެކު ހެޔޮ ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަންވެސް ނެތި އުޅެންޖެހޭ ކަމަށް ބުނެފައިވެ އެވެ.
މި ގަރާރުގައި ވަނީ އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި އެ މައްސަލަ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ކުރަންޖެހޭ ކަންކަން ވީހާވެސް އަވަހަށް ކުރުމަށް ސަރުކާރަށާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާފަ އެވެ.