އަންހެން ކުދިން ހިތާނުކުރާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ވުޒާރާތަކުން ހިޔާލު ހޯދަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން އިއްޔެ ނިންމި ނިންމުން އަލުން މުރާޖާކުރަން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ.
އަންހެނުން ހިތާނުކުރުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވާހަކަ ދެއްކެވި ކަމަށް ކުރާ ތުހުމަތުތައް މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެކަމާ ގުޅިގެން މުޖުތަމައުގައި ދެކެވެމުންދާ ވާހަކަތަކާ އެކު ކުރިމަތިވެފައި އޮތް މައްސަލައަށް ގާނޫނީ ހައްލެށް ގެނައުމުގެ ގޮތުން އިސްލާމިކް މިިނިސްޓްރީ އާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމާއި ހެލްތު މިނިސްޓްރީގެ ވެރިންނާއި ބަންޑާރަ ނައިބު ކޮމިޓީއަށް ހާޒިރުކޮށް ލަފާ ހޯދަން އިއްޔެ ވަނީ ނިންމައިފަ އެވެ.
ނަމަމެސް މަޖިލީހުގެ ރިޔާސަތު މިއަދު ފައްޓަވަމުން އީވާ ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަންހެނުން ހިތާނު ކުރުމާ ދޭތެރޭ ގޮތް ހޯދުމެއް ނޫން އަޅުގަނޑުމެން މިހާރު ކުރަން ޖެހޭ މަސައްކަތަކީ. އަޅުގަނޑުމެން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި އެކަން މަނާކޮށް އެކަން ރާއްޖޭގައި އެކަން ހިނގައިދިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމުގައި މަސައްކަތް ދަނީ ކިހާ މިންވަރަކަށްތޯ އަދި އިތުރަށް ކުރަން އޮތީ ކޮން ކޮން ކަމެއްތޯ ބަލާ ދެން ރާއްޖޭގައި އެކަން ހިނގިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް އަޅުގަނޑުމެން ހިތްވަރު ދޭން ޖެހޭނީ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމެޓީން ނިންމާ ނިންމުމެއް ހުއްޓުވުމުގެ ބާރެއް ނޯންނާނެ ކަމަށާއި ނަމަވެސް ކޮމެޓީއަކުން ނިންމާ ނިންމުމެއް އިތުރަށް މުރާޖާ ކުރަން އެދުމުގެ ފުރުސަތު އޮތުމުން ކޮމިޓީގެ ނިންމުން މުރާޖާކުރަން މިހާރު ދަންނަވާފައިވާނެ ކަމަށެވެ.
"ރާއްޖޭގެ އެޓާނީ ޖެނެރަލް ޔުނިވާސަލް ޕީރިއޮޑިކް ރިވިއު [ޔުޕީއާރު] ގައި ކޮމިޓްވެފައި ވަނީ ރާއްޖޭގައި އެފްއެމްޖީ ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަން. އެހެންވީމާ އަޅުގަނޑުމެން ހިޔާލު ހޯދަން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރެވޭ ކަމެއް ނޫން،" އިވާ ވިދާޅުވި އެވެ.