ކުޅިވަރު

ތިން ސެޓުން ރާއްޖެ ބަލިކޮށް މެލޭޝިއާ ފައިނަލަށް

Feb 27, 2023
1

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ސީދާ ތިން ސެޓުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބަލިކޮށް މެލޭޝިއާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި މެލޭޝިއާ ނުކުންނާނީ އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި އަފްގާނިސްތާން ބަލިކުރި ސިންގަޕޫރާ ދެކޮށެވެ. ސިންގަޕޫރުން އަފްގާނިސްތާން ބަލިކުރީ ތިން ސެޓުންނެވެ. އެކަމަކު ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް ސިންގަޕޫރު ވަނީ ބަލިވެފަ އެވެ.

މެލޭޝިއާއާ ދެކޮޅަށް ލީގު ބުރުގައި ކުޅުނު މެޗުން ވެސް ފިރިހެން ޓީމު ވަނީ ބަލިވެފަ އެވެ. ރޭވެސް ރާއްޖެއާ ދެކޮޅަށް މެލޭޝިއާ އިން މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ސެޓުތައް އެޓީމު ގެންދިޔައީ 25-24، 25-18 އަދި 25-23 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. އެހެންވެ މި ސެޓުގެ ފަހުކޮޅު ބޮޑު ލީޑެއް ނަގައި މެލޭޝިއާ އިން ސެޓު ކާމިޔާބުކުރި އެވެ. ދެވަނަ ސެޓުގައި ވެސް މެލޭޝިއާ ވަނީ އެ ފޯރީގައި ކުޅެ ސެޓު ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭގެ ޓީމުން ވަނީ ފަހު ސެޓުގައި ހިތްވަރުކޮށް ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ނަތީޖާ އަނބުރާލެވޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ. ތިން ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ބައެއް ގޯސްތައް ވަނީ ތަކުރާރުވެފަ އެވެ.

މުބާރާތުގައި ފިރިހެން ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ހަމައެކަނި މޮޅުވީ ލީގު ބުރުގައި ސިންގަޕޫރާ ވާދަކުރި މެޗުންނެވެ.

ފިރިހެން ޓީމު ކެޓިޔަސް ރާއްޖޭގެ އަންހެން ޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ޕްލޭއޮފްގައި އަންހެން ޓީމު މޮޅުވީ މެލޭޝިއާއާ ވާދަކޮށް 3-2 އިންނެވެ.