މާފުށި

އާ މާފުށިން ދޫކުރަނީ 314 ގޯތި

ކ. މާފުށި ކައިރިން އަލަށް ހިއްކި އާ މާފުށިން 314 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމައިފި އެވެ.

އާ މާފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ މާފުށި ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 308 ބަންޑާރަ ގޯއްޗެވެ. އަދި ބާކީ ހަ ގޯއްޗަކީ ވިއްކުމަށް ހަމަޖެހިފައިވާ ހަ ގޯތި ކަމަށް މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮހާލް މިއަދު އަވަސްއަށް ވިދާޅުވި އެވެ.

ގޯތި ދޫކުރުމުގެ މައްސަކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު އެ ކައުންސިލުން މިއަދު ވަނީ އާންމުކޮށްފަ އެވެ. މި ކޮމިޓީއަށް 11 މެމްބަރުން ހޮވާނެ އެވެ.

ދެ މާފުށި ގުޅާލުމަށް ކުރިން ހަމަޖައްސާފައި އޮތީ ކޯޒްވޭއަކުންނެވެ. އެކަމަކު ރައްޔިތުންގެ އެދުމުގެ މަތިން ލޯންޗް ފަހަރާއި ޑިންގީއަށް ދަތުރު ކުރެވޭނެ ގޮތަށް ބްރިޖަކުން ދެ މާފުށި ގުޅާލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި މިހާރު އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށްވެސް ސޮލާހް ވިދާޅުވި އެވެ.

މިއީ މާފުށީގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މާފުށީ ކައުންސިލުން ދެކެ އެވެ.

މީގެކުރިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮހާލް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާ މާފުށިން ދޫކުރަން ނިންމާފައިވަނީ ބަންޑާރަ ގޯއްޗާއި ވިއްކާ ހަ ގޯތި ހިމެނޭހެން 312 ގޯތި ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކަނޑައެޅުމުގެ މަޝްވަރާތަކުގެ ތެރެއިން ދެ ބަންޑާރަ ގޯތި އިތުރުކުރުމަށް ނިންމީ ކަމަށް ސޮލާހް ވިދާޅުވި އެވެ.