ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ދޫކުރި ފައިސާއާއި އެއްގޮތަށް މުދާ ލިބިފައި ނުވާތީ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހަޅައިފި އެވެ.
ބަންޑާރަނައިބް އޮފީހުން ބުނީ މިމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32,574,750 ރުފިޔާ -- 2,112,500 ޔޫއެސް ޑޮލަރުގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވަނީ އެދިފަ އެވެ.
"އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." ބަންޑާރަނައިބް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
އެއްބަސްވުމުގައި އޮތް ވާހަކަތަކާއި ކަން ހިނގި ގޮތް
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް އެކަން އެންގީ މެއި 3، 2021 ގައެވެ. އަދި އެއްބަސްވުން ބާތިލްކުރަން ޖެހުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދަން ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ދިނީ އޮގަސްޓް 10، 2021ގައެވެ.
އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަންޑާރަނައިބް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ އެގްޒެކިއުޓާސް ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވީ ކަމަށެވެ.
އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައިނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ. ރާއްޖެއާއި ޔޫއޭއީ އަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިންނެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެ އެވެ. އެއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެންބަރު ގައުމެއްގައި ތަންފީޒު ކުރެވޭނެ އެވެ.
ވެންޓިލޭޓަރު ހިޔާނާތުގެ ދައުވާކުރިތަ؟
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ޑިސެމްބަރު 20ގައި ހުށަހަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމް އެވެ. މި ބޭފުޅުންނަށް ދައުވާކުރުމާ މެދު މި ހަފްތާ ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް އިއްޔެ ވިދާޅުވެފައިވެ އެވެ.
އޭސީސީ އިން ދައުވާކުރަން ބޭނުންވާ ތިން ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެދިފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ހިމެނޭ ތިން ބޭފުޅުންނަކީ ވެސް 11 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ތަކުރާރުކޮށް މީގެކުރިން ފޮނުވުމުންވެސް ޕީޖީ އޮފީހުން ކޮންމެ ފަހަރަކުވެސް އެ މައްސަލަތައް އޭސީސީއަށް ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޕީޖީ އޮފީހުން ތަކުރާރުކޮށް އެގޮތަށް މައްސަލަތައް އަނބުރާ ފޮނުވާލުމާ ގުޅިގެން އޭސީސީ އިން ވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބައެއް ބޭފުޅުންގެ މައްސަލަތައް ފައިލްވެސް ކޮށްފަ އެވެ.