ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަނެ ސަޕްލައި ކުރުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި ފައިސާ އަށް ފަހު ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައާއި މެދު މި ހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވެފައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ޑިސެމްބަރު 20ގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމް އެވެ.
މި ތިން ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެދިފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ހިމެނޭ ތިން ބޭފުޅުންނަކީ ވެސް 11 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ތަކުރާރުކޮށް ފޮނުވުމުންވެސް ޕީޖީ އޮފީހުން ކޮންމެ ފަހަރަކުވެސް އެ މައްސަލަތައް އޭސީސީއަށް ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޕީޖީ އޮފީހުން ތަކުރާރުކޮށް މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެން އޭސީސީ އިން ވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބައެއް ބޭފުޅުންގެ މައްސަލަތައް ފައިލްކޮށްފަ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.