ރައީސް އޮފީސް

ނެޝަނަލް ޖޮބް ސެންޓަރު އުފައްދަވައިފި

Feb 27, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.

ނެޝަނަލް ޖޮބް ސެންޓަރު ގާއިމުކުރީ ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށެވެ.

މީގެއިތުރުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަކީވެސް މި އިދާރާގެ ބޭނުމެކެވެ.