ކުޅިވަރު

ފަހު ވަގުތު ބަލިވެ އަންހެން ވޮލީ ޓީމަށް ރިހި މެޑަލް

Feb 28, 2023

ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި ސިންގަޕޫރު އަތުން 3-2 އިން ބަލިވެ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށް ރިހި މެޑަލް ލިބިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް ބެލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ވަދެފަ އެވެ.

މިއީ އަންހެން ޓީމަށް ބައިނަލްއަގްވާމީ ވޮލީގައި ލިބުނު ދެވަނަ ރިހި މެޑަލް އެވެ. މީގެކުރިން 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވިމެންސް މުބާރާތުގެ ރިހި މެޑަލް ވެސް ރާއްޖެ އަށް ލިބުނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު ހޯދީ ސިންގަޕޫރުންނެވެ. އެޓީމުން މި ސެޓުތައް ގެންދިޔައީ 18-25 އަދި 22-25 އިންނެވެ. ފުރަތަމަ ދެ ސެޓު ނުލިބުނު ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ ހިތްވަރާ އެކު ނުކުމެ ދެ ސެޓު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. ރާއްޖެ އިން ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.

އެއްވަރުވުމުން ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ރާއްޖެ އިން ރަނގަޅު ވާދައެއް ކުރި އެވެ. މި ސެޓުގައި ސިންގަޕޫރު ކުރީގައި އޮއްވައި ރާއްޖެ އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ސިންގަޕޫރުން ކުރި ހޯދީ، މުހިއްމި ދަނޑިވަޅުގައި ރާއްޖެ އަށް ގޯސްތަކެއް ހެދުމުންނެވެ. މި ސެޓު ސިންގަޕޫރުން ގެންދިޔައީ 11-15 އިންނެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގައި ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން ވާދަކުރީ މެލޭޝިއާ އެވެ. މުބާރާތުގެ ލީގު ބުރުގައި ސިންގަޕޫރާއި މެލޭޝިއާއާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފަ އެވެ. އެކަމަކު ސެމީ ފައިނަލުގައި މެލޭޝިއާ އަތުން 3-2 އިން މޮޅުވި އެވެ. ފައިނަލަށް ނުކުމެ ތައްޓާ ހަމައަށް ދިއުމަށް އަންހެން ޓީމުން ވަރަށް ހިތްވަރުކުރި އެވެ.

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އެވެ. މެލޭޝިއާ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ސީދާ ތިން ސެޓުން ސިންގަޕޫރު ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް މެލޭޝިއާ އިން ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.