ރައީސް މުހައްމަދު ނަޝީދު

އެދިވަޑައިގެންފިނަމަ ނަޝީދުގެ ފަރުވާގެ މުއްދަތު އިތުރުކޮށްދޭނެ: އާޒިމާ

Jan 29, 2016

ތޭރަ އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގައި ހުންނަވައިގެން ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމާމެދު ސުވާލު އުފައްދާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރައްވަން އެދި ވަޑައިގެންފިނަމަ އެ ފުރުސަތު ދެއްވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސްރީލަންކާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވައި ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި މިހާރު ދީފައިވާ 30 ދުވަހުގެ އިތުރު މުއްދަތު ދޭން ސަރުކާރު ތައްތާރު ކަމަށެވެ.

ބޭސް ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވި ނަމަވެސް މިހާތަނަށް ފަރުވާއާ ގުޅޭ މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ނަޝީދު ބެއްލެވި ޑޮކްޓަރުން އެމަނިކުފާނުގެ ބޭސްފަރުވާއަށް އިތުރު މުއްދަތު ބޭނުންވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެއެވެ.

ރައީސް ނަޝީދަށް ސަރުކާރުން 30 ދުވަސް ދީފައިވާއިރު އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ޑޮކްޓަރު އެދި ވަޑައިގެންފިނަމަ އިތުރު 45 ދުވަސް ރައީސް ނަޝީދަށް ދެއްވާނެ ކަމަށް ކުރިން ވެސް ސަރުކާރުން ވަނީ ބުނެފައެވެ.