ރައީސް މުހައްމަދު ނަޝީދު

މާލީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ: ނަޝީދު

ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތް ގޮތް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ މިވަގުތު ވަރަށް ބޮޑު ކަމަށާއި، ގައުމުގެ މާލީ ހާލަތު މިހާ ހިސާބަށް ދިޔަ ގޮތް ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.

"މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަދި އަރައިގަތުމަށް އަމަލުކުރަން ރޭވިފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ، ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށާއި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 250 ޑޮލަރުން 100 ޑޮލަރަށް ދަށްކޮށްފައި ވަނިކޮށެވެ.

ބޭންކުން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ އަދަދު އިތުރުވަމުންދާއިރު ބޭންކުން ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވުމުގެ ސަބަބުން ކަމަށެވެ.

މި ބަދަލަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ. މީގެ ސަބަބުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.