ހަބަރު

ޕޭމަންޓް ހިދުމަތުގެ ބިލު "އޮޅުންނުފިލާތީ" މާހިރުން ގެންނަނީ

Oct 19, 2020
3

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގައި އޮތް އެއްޗެއް ރަނގަޅަށް "އޮޅުންނުފިލާތީ" އެ ބިލާ ގުޅޭ މައުލޫމާތު ސާފުކޮށް ދިނުމަށް ކަމާގުޅޭ މާހިރުން ގެންނަން އެދިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށިފައިވާއިރު، އެ ބިލު އޮޅުންނުފިލާކަމަށް ވިދާޅުވެ، އޭގައި އޮތް އެއްޗެއް ސާފުކޮށް ދެއްވުމަށް ނަޝީދު ވަނީ އެކި ފަހަރު މަތިން ބަހުސްގައި ބައިވެރިވަޑައިގެންނެވި ބައެއް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް މި ކީކީހެން ވެސް ހަމަ ހައްތާ ވެސް ފަރަންސޭސި ބަހުން ލިޔެފައި އޮތް ހެެން ހީވުމާއި، އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ގޮތް އަޅުގަނޑަށް ވަމުން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ބިލްގައިވާ މަފްހޫމްތައް މެމްބަރުންނަށް ވިދާޅުވެ ދެއްވަަން ކަމާ ބެހޭ މާހިރަކު މަޖިލީހަށް ގެނައުމުގެ އިންތިޒާމް ހަމަޖައްސަން މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބިލުގައިވާ އެއްޗެއް ސާފުކޮށްދެއްވަން ނަޝީދު އެދިވަޑައިގެންނެވުމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ރާއްޖެއަށް ވަރަށް ޒަމާނުއްސުރެ ބޭނުންވެފައިވާ ޕޭމަންޓް ސިސްޓަމުން، މިހާރު ވިޔަފާރިތަކަށާއި އާއްމުންނަށް ދިމާވަމުންދާ ގިނަ ހައްލުތަކަށް ލިބިގެންދާނެ ކަމަށެވެ.

އެފަދަ ދަތި ތަކުގެ މިސާލު ނަންގަވަމުން އިލްޔާސް ލަބީބް ވިދާޅުވީ މިހާރު ޗެކެއް، ކާޑު ނޫނީ އޮންލައިން ޓްރާންސްފާ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތެއްގައި އެހެން ބޭންކެއްގެ އެކަންޓަކަށް ފައިސާ ޖަމާވާނަމަ، އެ މުއާމަލާތެއް ފުރިހަމަވާން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ.

ނަމަވެސް، ބިލުގައި ބުނާ ސިސްޓަމާއެކު އެފަދަ މުއާމަލާތްތައް ވަގުތުން ފުރިހަމަވުމުގެ އިތުރުން، ފައިސާގެ މުއާމަލާތްތަކަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ބިލު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަން ތަކާއި ފައިސާ ޓްރާންސްފާތައް ފޮނުވުމާއި ލިބުން، އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމާއި، ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން މި ކަންތައްތަކާ ބެހޭގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭއަށް ލަފާދި ނުމަށް ނެޝަނަލް ޕޭމަންޓް ސިސްޓަމް ކައުންސިލެއް އުފެއްދުމަށް ވަނީ ހިމަނައިފައެވެ.