ލައިފްސްޓައިލް

ގެއްލިގެން ހޯދާ މީހެއްގެ އަތެއް މިޔަރެއްގެ ބަނޑުތެރޭން ފެނިއްޖެ

މިދިޔަ މަހުއްސުރެ ގެއްލިގެން ހޯދަމުންދިޔަ އާޖެންޓީނާ މީހެއްގެ އެއް އަތް މިޔަރެއްގެ ބަނޑުތެރޭން ފެނިއްޖެ އެވެ.

ޑިއޭގޯ ބާރިއާ ނަމަކަށް ކިޔާ 32 އަހަރުގެ މި މީހާ އެންމެ ފަހުން ފެނިފައިވަނީ ވެހިކަލެއްގައި އާޖެންޓީނާގެ ދެކުނުގައި އޮންނަ ޗުބޫޓު ޕްރޮވިންސްގެ އަތިރިމަތިން ދަތުރުކުރަނިކޮށެވެ. އޭގެ ފަހުން އެމީހާއަށް ވީނުވީއެއް އެކަކަށް ވެސް ނޭނގުނެވެ.

އެމީހާ ދުއްވި ވެހިކަލް ވަރަށް ބޮޑަށް ހަލާކުވެފައި އޮއްވާ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ ފެނިފަ އެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ރެސްކިއު ޓީމަށް ވެހިކަލް ފެނުނުއިރު އޮތީ ރޯކަސް ކޮލަރާޑޮސް ކައިރީ ގޮނޑުދޮށުގައެވެ. އަދި ބާރިއާ އަޅައިގެން ހުރި ހެލްމެޓެއް ހަލާކުވެ ބަނޑިބަނޑިވެފައި އޮއްވާ ވެސް އެހިސާބުން ފެނިފައި ވެއެވެ.

ފެބްރުއަރީ 26 ވަނަ ދުވަހު ހަމަ މި ސަރަހައްދުން ދެ މަސްވެރިއަކުވެގެން ތިން މިޔަރު ބޭނި އެވެ. އަދި އެތަނުން އެއް މިޔަރު ފަޅާލައިގެން ސާފުކުރަނިކޮށް އެސޮރުގެ ބަނޑުން ފެނުނު އެއްޗެތިން އެމީހުންނަށް ބޮޑު ޝޮކެއް ލިބުނެވެ. އެމީހުންނަށް ފެނިފައިވަނީ މީހެއްގެ އަތުގެ މުލައްދަނޑިއެއްގެ ބައެކެވެ.

ވަގުތުން އެމީހުން ކޯސްޓްގާޑަށް އަންގައިގެން ގެނެސް މިޔަރުގެ ބަނޑުތެރޭން ފެނުނު ބައިތައް ދެއްކި އެވެ.
ބާރިއާ ހޯދުމުގެ މަސައްކަތްކުރި ޓީމުން މިހާރު ގަބޫލު ކުރަނީ ވެހިކަލްތައް ދަތުރުކުރަނިކޮށް ބާރިއާ އެކްސިޑެންޓްވެ މޫދަށް ވެއްޓުނީ ކަމަށެވެ. މި އެކްސިޑެންޓްގައި އިތުރު ވެހިކަލެއް ޝާމިލުވޭތޯ މިހާރު ބަލަމުންދާކަމަށް އާޖެންޓީނާގެ ފުލުހުން ބުނެފައި ވެއެވެ.

މިޔަރުގެ ބަނޑުން ފެނުނު އަތުގެމުލައްދަނޑި އަކީ ބާރިއާގެ އަތްކަން އޭނާގެ އާއިލާގެ މީހުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެމީހުން އެއީ ބާރިއާގެ އަތްކަން ޔަގީންކުރީ މުލައްދަނޑީގައި ޖަހާފައި ހުރި ޓެޓޫއަކުންނެވެ. ފަހުން ޑީއެންއޭ ޓެސްޓް ކޮށްގެން ވެސް އެއީ ބާރިއާގެ އަތްކަން ޔަގީންކޮށްފައި ވެއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ބާރިއާ ގެއްލުނު ދުވަހު އެހިސާބު ގޮނޑުދޮށުގައި އޮއި ވަރަށް ގަދަ އެވެ.

ވެހިކަލެއްގައި ދަތުރުކުރި ބާރިއާ މޫދުގައި އޮންނަން ޖެހުނު ސަބަބު ނޭނގުނު ނަމަވެސް ފުލުހުންގެ އޮފިޝަލުން މިކަމާ މެދު ދެގޮތަކަށް ވިސްނަވައެވެ. ފުރަތަމަ ގޮތަކީ އެކްސިޑެންޓްގައި ބާރިއާ ވަރަށް ބޮޑަށް ޒަޚަމްވުމެވެ. ދެ ވަނަ ގޮތަކީ އަދި އެންމެ ބުއްދިއަށް ގަބޫލުކުރެވޭ ގޮތަކީ ބާރިއާގެ ވެހިކަލް އެކްސިޑެންޓްވީ ވަގުތު އޭނާ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ހާލަތެއްގައި ވިއްސައިގެން ގޮސް މޫދަށް ވެއްޓުނީ އެވެ. އަދި އެހިސާބުގެ އޮއިވަރު ގަދަކަމުން އޭނާ އޮޔާ ދިޔައީ އެވެ. ނަމަވެސް ސީދާ ކަންވީ ގޮތް އަދި ޔަގީނެއް ނޫނެވެ.