ލައިފްސްޓައިލް

ރޭލެއް ދަށުވި މީހަކަށް މާ ބޮޑު ކަމެއް ނުވި!

އާޖެންޓީނާގެ ބިއުނަސް އައިރީސްގައި ދާދިފަހުން ހިނގި ހާދިސާއެއްގައި ދުއްވަމުންދިޔަ ރޭލެއްގެ ދަށަށް ވެއްޓުނު އަންހެނަކު ހައިރާންވާ ފަދަ ގޮތަކަށް ސަލާމަތްވެއްޖެ އެވެ. މިދިއަ މާޗް 29 ވަނަ ދުވަހު ހިނގި މި ހާދިސާގެ މަންޒަރުތައް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ތަކަށް ވަރަށް ރީތިކޮށް އަރާފައި ވެއެވެ. މިހާރު ވައިރަލް ވެގެން އުޅޭ ވީޑީއޯ އަކީ އެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެވެ.

މި ވީޑީއޯގައި ފެންނަނީ ކަންޑެލާ ނަމަކަށް ކިޔާ ޒުވާން އަންހެނެކެވެ. ބިއުނަސް އައިރިސްގެ އިންޑިޕެންޑެންސް ސްޓޭޝަންގެ ރޭލްވޭ ޕްލެޓްފޯމެއްގައި އަންހެންމީހާ ކޮޅަށް ހުއްޓައި އޭނާގެ ބޮލަށް އެނބުރުން އަރައިގެން އުޅޭތަން ވީޑިއޯގައި ފެނެ އެވެ. އަދި އަނބުރައިގަނެގެން އަންހެންމީހާ ވެއްޓެނީ ދުއްވަމުން ދިޔަ ރޭލުގެ ދަށަށެވެ.

އަންހެންމީހާ ރޭލު ދަށަށް ވެއްޓި ލޯ ކުރިމަތިން ގެއްލިގެން ދިޔަ މަންޒަރު، ރޭލުގެ އިންޒާރުގައި އެ ވަގުތު އެތާ ތިބި ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ފެނިފައި ވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ބޮޑު ޝޮކެއް ލިބިފައި ތިބިއިރު އަނެއް ބަޔަކު އެ މަންޒަރު ބަލަން ނުކެރި ލޮލުގައި އަތް އެޅިތަން ވެސް ފެނެ އެވެ.

އަންހެންމީހާ ވެއްޓޭތަން ފެންނަ ވީޑިއޯ

އިރުކޮޅެއް ތެރޭ ރޭލު ހުއްޓާލުމުން މީހުންތައް ވަނީ އަންހެންމީހާ ރޭލު ދަށުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮއްސަ އެވެ. ނަސީބަކުން ރޭލު ދަށުވެގެން އަންހެންމީހާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ދުއްވަމުންދިޔަ ރޭލެއްގެ ދަށަށް ވެއްޓުނު މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.

އަންހެންމީހާ އަށް ވެސް އޭނާގެ ފުރާނަ ސަލާމަތްވީގޮތެއް ނޭނގެ އެވެ. ހޮސްޕިޓަލުގައި އޮވެ އާޖެންޓީނާ ޓީވީ ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި އަންހެންމީހާ ބުނީ މި އެކްސިޑެންޓުން ސަލާމަތްވުމަކީ މަރުވެފައި ދެ ވަނަ ފަހަރަށް ދުނިޔެއަށް އައުން ފަދަ ކަމެކެވެ.

"ކުއްލިއަކަށް އަހަރެންގެ ލޭގެ ޕްރެޝަރު ދަށްވެ ބޮލަށް އެނބުރުން އެރީ. އަހަރެން އަނބުރައިގަނެގެން ވެއްޓެނީ ކަމަށް ބުނެ ކައިރީގައި ތިބި މީހުންނަށް އެކަން އަންގަން އަހަރެން މަސައްކަތް ކުރިން. ދެން ވީގޮތެއް ނޭނގުނު. ރޭލުގެ ދަށަށް އަހަރެން ވެއްޓުނު ކަމެއް ވެސް އަހަންނަކަށް ނޭނގެ. އަހަންނަށް ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގައި،" އަންހެންމީހާ ބުންޏެވެ.