ކުޅިވަރު

ރެއާލް މެޑްރިޑަކީ ކުޅުންތެރިންގެ ހުވަފެނީ ކްލަބް: ހާލަންޑްގެ އޭޖެންޓް

ރެއާލް މެޑްރިޑަކީ ފުޓްބޯޅަ ކުޅުންތެރިންގެ ހުވަފެނީ ކްލަބް ކަމަށް މެންޗެސްޓާ ސިޓީގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑުގެ އޭޖެންޓް، ރަފައެލާ ޕިމެންޓާ ބުނެފި އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ސިޓީ އަށް މި ސީޒަނުގައި ބަދަލުވުމަށް ފަހު ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި 27 ގޯލު މިހާތަނަށް ޖަހައިފަ އެވެ. ސީޒަނުގައި ސިޓީ އަށް ކުޅުނު 33 މެޗުގައި 33 ގޯލު ހާލަންޑް ޖަހާފައިވެ އެވެ.

ހާލަންޑަކީ މަޝްހޫރު އެހެން ކުޅުންތެރިނެކޭ އެއްގޮތަށް ރެއާލުން ގެންދަން ބޭނުންވާ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.
"އޮތީ ޕްރިމިއާ ލީގާއި ރެއާލް މެޑްރިޑް. ރެއާލްގައި އޮވޭ ހާއްސަކަމެއް. އެއީ ކުޅުންތެރިންގެ ހުވަފެނީ ކްލަބް" އޭޖެންޓް ޕިމެންޓާ ބުންޏެވެ.

ޕިމެންޓާ ބުނީ މެޑްރިޑަކީ ޖާދޫ ދައްކާ ކްލަބެއް ކަމަށާއި، އެކަން ޗެމްޕިއަންސް ލީގުން ފެނިގެންދާ ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ކްލަބް ރެއާލުން ވަނީ 2014 ވަނަ އަހަރުގެ ފަހުން ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ސެމީގައި ސިޓީ ބަލިކުރި އެވެ.

ބްރެޒިލަށް އުފަން ލޯޔަރު، ޕިމެންޓާ އަކީ ހާލަންޑުގެ ކުރީގެ އޭޖެންޓް މިނޯ ރައިއޯލާގެ ވިޔަފާރި ޕާޓްނަރެކެވެ. ޕިމެންޓާ އޭޖެންޓު ކަމާ ރަސްމީކޮށް ހަވާލުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައިއޯލާ މަރުވުމުންނެވެ.

ލަންޑަނުގައި އޮތް ސަމިޓެއްގައި ވާހަކަދައްކަމުން ޕިމެންޓާ ބުނީ ހާލަންޑް ސިޓީ އަށް ބަދަލުވާން ބޭނުންވީ އެއް ސަބަބަކީ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރަން ބޭނުންވުމުން ކަމަށެވެ. އަދި ޕްރިމިއާ ލީގުގެ ހައިބަތާއި ހާލަންޑުގެ ބައްޕަ ކުރިން ސިޓީ އަށް ކުޅުމަކީ ވެސް ހާލަންޑް ސިޓީ އަށް ބަދަލުވި ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ހާލަންޑް ސިޓީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރާ ހަމައަށް ހާލަންޑް ސިޓީގައި ހުންނާނެ އެވެ.

ހާލަންޑަށް ރެއާލުން ކުރިން ޝައުގުވެރިކަން ފާޅުކުރި އެވެ. ރެއާލް މެޑްރިޑަކީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެނައުމުގައި އެންމެ ފާހަގަކޮށްލެވޭ ކްލަބެވެ. ހާލަންޑްގެ އޭޖެންޓް ފާހަގަކުރި ގޮތަށް މަޝްހޫރު ކުޅުންތެރިން އެ ކްލަބާ ގުޅުމުގައި ކްލަބުގެ ހައިބަތާއި ކާމިޔާބީ މުހިއްމު ދައުރެއް އަދާކުރެ އެވެ.