އާލިންގް ހާލޭންޑްގެ ބައްޕަ އަލްފިންގް ހާލޭންޑް އަދި އެޖެންޓް މިނޯ ރަޔޯލާ، އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ވެރިންނާ ބައްދަލު ކޮށްފި އެވެ.
އިއްޔަގެ ހެނދުނު، އަލްފިންގް އާއި ރަޔޯލާ ޒިޔާރަތް ކުރީ ބާސެލޯނާ އަށެވެ. އެ ދެމީހުން ވަނީ ބާސާގެ އާ ރައީސް ހުއާން ލަޕޯޓާ އާ ބައްދަލު ކޮށްފަ އެވެ. ބައްދަލުވުމުގެ ތަފްސީލުތައް މީޑިއާއަށް ތިލަ ނުވިނަމަވެސް، ސްޕެއިންގެ ނޫސްތަކުން ބުނެފައި ވަނީ، ހާލޭންޑް ބާސެލޯނާ އަށް ސޮއި ކުރުވަން ބޭނުންވާކަން ލަޕޯޓާ ހާލޭންޑްގެ މަންދޫބުން ގާތު ބުނެފައިވާ ކަމަށެވެ.
ދަތުރަށް ހާއްސަ ކުރި ޖެޓްގައި ބާސެލޯނާއިން ފުރައިގެން މެންދުރު ފަހު މެޑްރިޑަށް ހަލޭންޑްގެ ބައްޕަ އާއި އެޖެންޓް ދަތުރު ކުރި އެވެ. ރެއާލްގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުން ގިނަ ގަޑިއިރުތަކަކަށް ދެމިގެން ދިޔަ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރެ އެވެ.
ހާލޭންޑް ސޮއި ކުރުވުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވާދަ ކުރާއިރު، އަދި ދުރުގައި ބަލަހައްޓަހައިގެން ތިން ވަނަ ކުލަބެއްވެސް އެބައޮތެވެ. އެއީ މެންޗެސްޓާ ސިޓީ އެވެ. އަރަބި އެމިރޭޓްސްގެ ޝާހީ އާއިލާ އާ ގަތް ގުޅުމެއް އޮންނަ ސިޓީގެ މާލީ ގާބިލު ކަމަކީ ރެއާލް އާއި ބާސާއަށްވެސް ވާދަ ކުރަން އުނދަގޫ ކަމަކަށް ވެދާނެ އެވެ.
ބާސާއަށް މިވަގުތު މެދވެރިވެފައިވާ މާަލީ ހާލަތުގައި ހާލޭންޑްގެ ސޮއި އެ ޓީމަށް ކުރެވިދާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ. އެހެންނަމަވެސް ސްޕެއިންގެ ނޫސް ތަކުން ބުނަނީ އެންޓްއާން ގްރީޒްމަންގެ ޓްރާންސްފާއަށް ބާސާއިން ފައިސާ ހޭދަ ކުރި ގޮތަށް މެދުވެރިއެއްގެ ފަރާތުން ފައިސާ ހޯދައި ހާލޭންޑްގެ ސޮއި ކުރުވުމަށް ބާސާއިން ބޭނުންވާ ކަމަށެވެ. އަނެއް ވިސްނުމަކީ ގްރީޒްމަން، ފިލިޕޭ ކުޓީނިއޯ އަދި ސެމިއުލް އުމްޓިޓީ ވިއްކާލައިގެން ފައިސާ ހޯދުމެވެ.
ޖަނަވަރީ 2020 ގައި ބުރޫޝިއާ ޑޯޓަމުންޑަށް ބަދަލުވި ހާލޭންޑްގެ ޓްރާންްސްފާއަށް އެ ކުލަބު ކިޔާނެ އަގެއް ކަމަށް ބެލެވެނީ 180 މިލިއަން ޔޫރޯ އެވެ. ހާލޭންޑް، 20 ވަނީ ޑޯޓަމުންޑަށް 49 ގޯލް ޖަހައި ދީފަ އެވެ. އޭނާ އެ ކުލަބަށް ކުޅުނީވެސް 49 މެޗެވެ.