ދުނިޔެ

އެމެރިކާ ނުހިމެނޭ ނޭޓޯއެއް ޔޫރަޕަށް ބޭނުންވޭ: ހަންގޭރީ

އެމެރިކާ ނުހިމެނޭ ގޮތުން އެކުލަވާލެވިފައި އޮތް ދިފާއީ ބައިނގަޑެއް ޔޫރަޕަށް ބޭނުންވާ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޯބަން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ކަމެއްގައި އާރުނުލައިގެން އުޅެނީ އެންމެ ފަހުބަސް ބުނާ ބަޔަކަށް އެމެރިކާ ވާތީ ކަމަށެވެ.

ވިކްޓާރު އޯބަން ސިފަކުރެއްވި ގޮތުގައި ޔޫރަޕް އޮތީ ވަރަށް ބޮޑު އަޅުވެތިކަމެއްގަ އެވެ. އެމެރިކާގެ ނުފޫޒާ ހެދި ޔޫރަޕަށް ހަމަނޭވާ ނުލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕް ގައުމުތަކުގެ އަސްލު އާރާއިބާރު ގެއްލިފައިވަނީ އެމެރިކާގެ ނުފޫޒުގެ ސަބަބުން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޔޫރަޕްގެ ނަގުލުގައި ހިފައިގެން އެމެރިކާ ދަމާވަރުން ނަގުލާ އެކު މުޅި ހަށިގަނޑު ވެސް އޮތީ ތާށިވެފައި ކަމަށް ވިކްޓަރު އޯބަން ވިދާާޅުވި އެވެ. އެމެރިކާއާ ހެދި މުޅި ދުނިޔެއާ މޫނުކެނޑި ބޮޑު ހަނގުރާމަކަށް ޔޫރަޕް ވަދެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ އެމެރިކާއަށް އަދި ޔޫރަޕަކަށް ވެސް ކާމިޔާބެއް ނުކުރެވޭނެ އެވެ.

ނޭޓޯ ފުޅާކުރަން އެމެރިކާ ކުރާ ޕްރެޝަރަކީ ވެސް އެމެރިކާގެ ބޭނުމަށް ކުރާ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ރަޝިއާ-ޔުކްރޭން ހަނގުރާމަ އަކީ އެމެރިކާގެ މި ވިސްނުމުގެ ނުރައްކާތެރިކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއަށް އެއިރު -- ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން -- އޮތް ބިރަކީ ނޭޓޯގެ މެމްބަރުކަން ޔުކްރޭނަށާއި ޖޯޖިއާއަށް ދިނުން ކަމަށް އޯބަން ވިދާޅުވި އެވެ. ރަޝިއާއާ އެހާ ގާތަށް ނޭޓޯ ފުޅާކުރުމަކީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިނިވަން ދައުލަތަކަށް ވަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވާނެ އެވެ.

ވިކްޓަރު އޯބަން ވިދާޅުވި ގޮތުގައި އެމެރިކާ ގޮތް ދޫކުރިނަމަ ޔުކްރޭން ހަނގުރާމަ ނުފެށޭނެ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި -- ޕޮލޭންޑާއި ރޮމޭނިއާގައި -- އެމެރިކާ މިސައިލް މަރުކަޒުތައް ބިނާކުރުމަކީ ރަޝިއާ ދެކޮޅު ހެދި ކަމެއް ކަމަށްވެސް އޯބަން ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން މަނާކުރާ މުއާހަދާތަކުގައި އެމެރިކާ ސޮއިކުރުމަށް ފަހު -- މިފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުގައި ބައިވެރިވުމަކީ ގޯހެއް ކަމަށެވެ.

އޯބަން ވިދާޅުވި ގޮތުގައި ޔޫރަޕާއި ރަޝިއާއާ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި ވަނީ ވެސް އެމެރިކާއާ ހެދި އެވެ.