ދުނިޔެ

ނޭޓޯއިން އެމެރިކާ ވަކިވެދާނެ ކަމަށް ތައްޔާރުވާން ގޮވާލައިފި

ނޭޓޯ ޖަމާއަތުން އެމެރިކާ ވަކިވެދާނެ ކަމަށް ތައްޔާރަށް ތިބުމަށް އެ ޖަމާއަތަށް ނިސްބަތްވާ ގައުމުތަކެއްގެ ޑިޕްލޮމެޓުންތަކެއް ގޮވާލައިފި ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު އޮންލައިން ނޫސް، ދަ ޓެލެގްރާފުން ބުނެފި އެވެ.

ދަ ޓެލެގްރާފުން ބުނާ ގޮތުން އެ ޑިޕްލޮމެޓުން މި މައުލޫއަށް ވާހަކަ ދެއްކެވީ ނަން ސިއްުރުކޮށްދޭ މަތިންނެވެ.

އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު މިހާރު އޮތީ ބޯމަތިވެފަ އެވެ. މަސްރަހް އޮތް ގޮތުން ރައީސްކަން ޖޯ ބައިޑަންގެ ކިބައިން ފުރޮޅިގެން ޑޮނަލްޑް ޑްރަމްޕަށް ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ރައީސްކަން ޓްރަމްޕަށް ދެވަނަ ފަހަރަށް ލިބިއްޖެ ނަމަ -- އޭނާ މިހާރު ކެމްޕޭން ދަތުރުތަކުގައި ދައްކަވާ ވާހަކަތަކުގައި އިތުބާރެއް ހުރި ނަމަ -- ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ.

އޭގެ ތެރޭގައި އެމެރިކާ ނޭޓޯއިން ވަކިވުން ހިމެނެ އެވެ. ޓްރަމްޕް ވަނީ ރައީސްކަން ލިބިވަޑައިގެންފި ނަމަ ނޭޓޯއިން ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސްގެ މަގާމުގައި ޓްރަމްޕް ކުރިން އަދާކުރެއްވި ހަތަރު އަހަރުގެ ޓާމްގައި ވެސް ނޭޓޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ނޭޓޯއިން ވަކިވުމަކީ އެމެރިކާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ނޭޓޯއަށް ނިސްބަތްވާ ހުރިހާ ގައުމެއްގެ ރައްކާތެރިކަން ބެލެހެއްޓުމަކީ އެމެރިކާއަށް ލާޒިމުކަމެއް ނޫނެވެ. އެއީ އެމެރިކާއިން ކޮންމެހެން ކުރަން ޖެހޭ ހޭދައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަ ޓެލެގްރާފަށް މައުލޫމާތު ދެއްވަމުން ޑިޕްލޮމެޓުން ވިދާޅުވި ގޮތުގައި ޓްރަމްޕް ދައްކަވަނީ ބިރުބޮޑު ވާހަކަތަކެކެވެ. އޭނާ އަކީ ދައްކަވާ ވާހަކަތަކުގައި އަމަލީ ސިފަ ޖައްސަވާ ބޭފުޅަކަށް ވުމަކީ ނުރައްކާ ވަކިން ބޮޑުވާ ސަބަބެއް ކަމަށް ވެސް ޑިޕްލޮމެޓުން ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ކަމަށް ޑިޕްލޮމެޓުން ވިދާޅުވީ، ރައީސްކަން ލިބިވަޑައިގެންފި ނަމަ ރަޝިއާ ލައްވައި ނޭޓޯގެ ހުރިހާ ގައުމަކަށް ހަމަލާދެއްވާނެ ކަމަށެވެ. ރަޝިއާގެ ކިބައިން އެކަމަށް އާދޭސްކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޑިޕްލޮމެޓުން ދެކެވަޑައިގަންނަވާ ގޮތުގައި ޓްރަމްޕް ވެރިކަމަށް ވަޑައިގެން ކަންކުރައްވާނެ ގޮތް އެކަކަށް ވެސް ނޭނގެ އެވެ. އޭނާ އަކީ މީހެއްގެ މަޝްވަރާއަށް އިތުބާރުކުރައްވާ ލީޑަރެއް ނޫން ކަމަށް ވެސް ޑިޕްލޮމެޓުން ވިދާޅުވި އެވެ.