އަލިފާން

ބޯޓެއް އަނދައި ހުލިވެ 14 މީހުން ކަނޑުވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވުމާއި ގުޅިގެން ސަލާމަތްވުމަށް ކަނޑަށް ފުންމާލި 14 މީހުން ކަނޑުވެ އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އަލިފާން ރޯވެފައިވަނީ މ. ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ބޯޓުގަ އެވެ. އަލިފާން ރޯވި ބޯޓު ވަނީ އަޑިއަށް ގޮސްފަ އެވެ.

ބޯޓުގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ 2:47ގަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓުގައި ތިބީ ޖުމްލަ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހުންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

އެމްއެންޑީއެފް ހާބަކްރާފްޓަށް 14 މީހުން ވަނީ ނަގާފަ އެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާ މީހެކެވެ.

ސަލާމަތް ކުރެވުނު މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު މ. މުލި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަލިފާން ރޯވި އާގަލާ ބޯޓަކީ އައްޑޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.