މޯލްޑިވްސް ޕޮލިސް ސާވިސް

ޖޫސް ޓައިމްއަށް ގެއްލުން ދިން އިތުރު މީހަކު ހައްޔަރުކޮށްފި

Mar 6, 2023

ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޖޫސް ޓައިމް ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީގޮތުން އުޅުނު ކަމަށް ބުނާ މީހަކު އިއްޔެވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޖޫސް ޓައިމްއަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ދެ މީހެކެވެ. އިއްޔެ އާއި މިއަދު ހައްޔަރުކުރި މީހާއާއި އަދި އޭނާއާ އެކު ގެއްލުން ދިނުމުގައި އަމަލީގޮތުން އުޅުނު މީހާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޖޫސް ޓައިމް އަށް ގެއްލުން ދިނުމުގެ މައްސަލައިގައި މީގެކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށް ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި އެތަނުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައްސަލައިގައި ކުރިން ހައްޔަރުކުރި ހަތް މީހުންނަކީވެސް ދިވެހިންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.

"ޖޫސް ޓައިމް" ކެފޭއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދިނީ މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.