ހަބަރު

ހަފްތާއަކަށް ފަހު ތިނަދޫ އަލިވެއްޖެ، މުޅި ރަށަށް އުފާވެރިކަން

  • ތިނަދޫ ރައްޔިތުން އަނދިރި ކަމުގައި ފަސް ދުވަސް ހޭދަކޮށްފި
  • މީގެ އިރުކޮޅެއް ކުރިން މުޅި ރަށަށް ވަނީ ކަރަންޓް ދީފައި
  • ރަށުގެ ރައްޔިތުން ބުނަނީ މިއީ އީދެއް ކަމަށް

އާބާދީގައި ގާތްގަނޑަކަށް 10،000 މީހުން އުޅޭ ގދ. ތިނަދޫ އިންޖީނުގޭގައި މިދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ އެކު ރަށަށް ވެރިވި އަނދިރިކަން ފެނުނީ ހަމައެކަނި ރަށުތެރެއިން އެކަންޔެއް ނޫނެވެ. ރަށުތެރެއަށް ވެރިވި އަނދިރިކަމާ އެކު އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާ ވެސް ވޭނާއި ހިތްދަތިކަން އިންތިހާއަށް ތަހައްމަލް ކުރި އެވެ. މައިން ކުދިން ނިންދެވީ ފަތްޖެހެނދު ބަހައްޓައިގެން މަގުމަތީގަ އެވެ. އެ ދަރިން މަގުމަތީގައި ކަނު އަނދިރީގައި ނިންދަވަން ބައިތިއްބައިގެން އެކުދިންގެ ގަޔަށް ކަރުދާސް ފަންކާ ވިހުރުވަމުން ލޮލުފިޔެއް ނުޖަހާ ތިބި މައިންގެ އަދަދު މަދެއް ނޫނެވެ. އަނދިރިކަން ފިލައި ރަށުތެރެ އުޖާލާ ވާނެ އިރަކަށް އެރަށުގެ ރައްޔިތުން އިންތިޒާރުކުރާތާ ފަސް ވަރަކަށް ދުވަސް ވީ އެވެ. މިއަދު އެ އިންތިޒާރަށް ނިމުމެއް އައީ އެވެ. ތިނަދުއަށް 24 ގަޑިއިރުގެ ކަރަންޓު ލިބުނީ އެވެ. މީގެ އިރުކޮޅެއް ކުރިން މުޅި ރަށަށް ވަނީ ކަރަންޓް ދީ އަލިކޮށްލައިފަ އެވެ.

"މިއީ އެދި އެދި އެދި ތިބި ވަގުތުކޮޅު. ކަރަންޓް ލިބުމާ އެކު ހިތްހަމަ ޖެހުން ލިބިއްޖެ. މި ކަރަންޓް އަބަދަށް މިހެން ހުންނާނެ ކަމުގެ އުންމީދުގައި މި ހުރީ،" ތިން ކުދިންގެ މަންމަ އަކު އުފަލުން ހުރެ ބުންޏެވެ.

ތިނަދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް މިހާތަނަށް އެ ހާދިސާގައި އެއްވެސް ބަޔަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ. މިއަދު ތިނަދުއަށް ކަރަންޓު ދޫކުރީ 1000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާ ދެ ޖެނަރޭޓަރާ އެކުގަ އެވެ. އެ ދެ ޖެނަރޭޓަރު އެރަށަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. 

ތިނަދޫ ފެނަކަ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓު ދޫކުރާނެ ވަގުތަކަށް ރަށުގެ ރައްޔިތުން އިންތިޒާރުކުރީ ކެތްތެރިކަމާ އެކު ކަމަށެވެ. ދެހާސްދެވަނަ ވަނަ އަހަރު އެނަމާ ބޯޓުގެ ހާދިސާއަށް ފަހު އެރަށަށް ދިމާވި އެންމެ ބޮޑު ހިތްދަތިކަމެއްގެ ގޮތުގައި އިންޖީނުގޭގެ އަލިފާނުގެ ހާދިސާ އެރަށުމީހުން ސިފަކުރާ އިރު، ރަށަށް ކަރަންޓު ލިބުމުން މުޅި ރަށް އުފާ ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ވަރުގެ ރައްޔިތުން ދެއްތޮ މިކަމުގަ މި ހަރަކާތްތެރިވެލައްވަނީ. މިއަދަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަންނާނެ އީދެއް. ވަރަށް ހިތްދަތި ދުވަސްކޮޅެއް މި ދިޔައީ ކަރަންޓާ ނުލާ،" އޮފިޝަލު ވިދާޅުވި އެވެ.

"ފާއިތުވި ފަސް ދުވަހަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ދުވަސްތަކެއް ނޫން. ހަޔާތުގެ މުހިއްމު ތަޖުރިބާއެއް. އަޅުގަނޑުގެ ކުޑަކުޑަ އާއިލާ މި ވީ ފަސް ދުވަހު ނިދީ ގޯތި ތެރޭގައި ސަތަރިއެއްގެ ހިޔަލުގަ،" ތިނަދޫގެ ރައްޔިތަކު އޭނާގެ އިހުސާސް އަވަސް އާ ހިއްސާކޮށްލި އެވެ.

ތިނަދޫގެ ކަރަންޓު މައްސަލަޔަށް ދާއިމީ ހައްލެއް ގެނެސް، ރަށަށް 24 ގަޑިއިރުގެ ކަރަންޓު ފެނަކައިން މިއަދު ދޫކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، މިއަދު އިންސްޓޯލްކުރި ދެ އިންޖީނުން އެ ރަށުގެ އާބާދީއަށް ބޭނުންވާ މެކްސިމަމް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. އެހެންކަމުން އެ އިންޖީނުތަކަކީ އެރަށުގެ ކަރަންޓު މައްސަލަޔަށް ދާއިމީ ހައްލަކަށް ވާނެ ކަމަށެވެ.

ތިނަދޫގައި މިއަދު އިންސްޓޯލްކުރި ދެ އިންޖީނަކީ ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީ އިން އެރަށަށް ހަދިޔާކުރި ދެ އިންޖީނެވެ. އެ ދެ އިންޖީނަކީވެސް 1000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދުމުގެ ގާބިލުކަން ހުރި ދެ އިންޖީނެވެ. 

"މިއަދު އިންސްޓޯލްކުރި ދެ އިންޖީނުން ތިނަދޫގެ މުޅި އާބާދީއަށް ކަރަންޓު ލިބޭނެ. ޖުމްލަ 2000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާނެ ދެ އިންޖީނު އެއީ، އެހެންވީމަ މިއީ ދާއިމީ ހައްލެއް. ނަމަވެސް އެ ދެ އިންޖީނަކީ ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާ ދެ އިންޖީނަށް ވުމުން ދެ އިންޖީނުން ފުލްކޮށް 1000 ކިލޯ ވޮޓުގެ ކަރަންޓު ނުނެގިދާނެ، އެކަމަކު އެއީ މައްސަލައެއް ނޫން. މި ދެ އިންޖީނުގެ އިތުރަށް ވެސް، ބެކަޕެއްގެ ގޮތުގައި މުޅިން އާ އިންޖީނެއް އެރަށަށް މާދަމާ ލިބޭނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދޫ އިން ކަރަންޓު ކެނޑުމާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް، މިހާރު އެރަށަށް ލިބިފައިވާ ޖަނަރޭޓަރުތަކުގެ އިތުރަށް، 1000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާ ޖެނަރޭޓަރެއް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ފެނަކައަށް އަންގަވާފަ އެވެ. ރައީސްގެ އެންގެވުމާ އެއްގޮތަށް އުފުލިއެއްގައި ތިނަދުއަށް ފުރުވާލާފައިވާ އާ އިންޖީނަކީ 1.4 ކޭވީއޭ އިންޖީނެއް ކަމަށް ފެނަކައިން ބުނެ އެވެ. އެ އިންޖީނުން 1000 ކިލޯ ވޮޓަށް ވުރެ ގިނައިން ކަރަންޓު ނެގޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ. 

ތިނަދުއަކީ 10،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށަށް އެހީވުމަށް ޓަކައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ފެނާއި ތެލާއި އުއްބަތި ފަދަ ތަކެތި ހަދިޔާ ކުރަމުންނެވެ. އިންޖީނުގެ އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.

ތިނަދުއަށް ކަރަންޓު ދޫކުރުމަށް މިއަދު އެރަށުގައި ބޭއްވި ކުޑަ ހަފުލާއަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ވަނީ ތިނަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އެ ރަށުގެ ރައްޔިތުންގެ އެދުމަކީ ދެން ކަރަންޓް ކެޑިގެން ނުދިޔުމެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް އުފާވެރި އީދެކެވެ.