ސުޕްރީމް ކޯޓް

ދެ ރައީސުންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Mar 7, 2023

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ގާނޫނީ ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެކަމުގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބޭރުކޮށްލައިފި އެވެ.

ސުޕްރީކް ކޯޓަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުށަހެޅި މިމައްސަލަ ބޭރުކޮށްލާފައިވާ ކަމަށް ޕީޕީއެމްގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރާނީ މިއަދު ހަވީރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ކުރަންޖެހިވަޑައިގަތުމާ ގުޅިގެން ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސަލް ނަސީމުއާ ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އެެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާން އެވެ. ނަމަވެސް ހުވާކުރެއްވިތާ ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސް ސޯލިހް އަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. މިހުރިހާ ކަމެއްވެސް ރައީސް އޮފީހުން ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ހުރިހާ ކަމެއް ހިނގާދިޔައީ ގާނޫނުއަސާސީގައިވާ ގޮތަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އެކަމުގައި ގާނޫނީ މައްސަލަތަކެއް މިހާރު ވަނީ އުފެދިފަ އެވެ. އަދި މިވަގުތު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުކުރަން ދެކޮޅުވެސް ހަދާފަ އެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުދެކޭ ކަމަށް ބުނުމަށްފަހު އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިވަގުތު ހުންނެވީ ފައިސަލް ނަސީމު ކަމަށް އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރިން ވިދާޅުވެފައިވެ އެވެ.