އެމްއެމްއޭ

އާ ރުފިޔާގެ ވަގު ނޫޓެއް ނޫޅެ، އެއީ އެންމެ އާދައިގެ ފޮޓޯކޮޕީ އެއް: އެމްއެމްއޭ

Jan 30, 2016
  • މީގެ އިތުރު ނޫޓެއް ފާހަގައެއް ނުވޭ
  • އެ ނޫޓް ތައްޔާރުކޮށްފައި ވަނީ ބްލީޗްކޮށްލައިގެން
  • ސަލާމަތީ އެއްވެސް ސިފައެއް އޭގައި ނެތް

އާ ދިވެހި ރުފިޔާގެ ވަގު ނޫޓެއް ނޫޅޭ ކަމަށާއި އެއީ އެންމެ އާދައިގެ ފޮޓޯ ކޮޕީއެއް ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

މިދިޔަ ހަފްތާ އަލަށް ރޯލް ކުރަން ފެށި، އާ ރުފިޔާގެ ވަގު ނޫޓް އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން ދާ ފޮޓޯތަކާ ގުޅިގެން އެމްއެމްއޭ އިން މައްސަލަ ބެލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ އިސް އޮފިޝަލުން ވިދާޅުވީ ވަގު ނޫޓެއް ކަމަށް ބުނެ، އާންމު ފަރާތަކުން ހުށަހެޅި ނޫޓަކީ 10 ރުފިޔާގެ ނޫޓެއްގެ އަސްލު ޕްރިންޓް ބާރުގަދަ ކެމިކަލްއަކުން ދުއްވާލުމަށް ފަހު 500ރ. ގެ ނޫޓެއްގެ ޕްރިންޓެއް އޭގެ މައްޗަށް ކޮށްފައިވާ ގަނޑެއް ކަމަށެވެ. އަދި އެ ޕްރިންޓަކީ އެންމެ އާދައިގެ ޑެސްކްޓޮޕް ޕްރިންޓަރަކުން ކޮށްފައިވާ ޕްރިންޓެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި އެ ނޫޓްގައި އެއްވެސް ސަލާމަތީ ސިފައެއް ވެސް ނުހިމެނޭ ކަމަށް ވެސް ބުންޏެވެ.

"އެންމެ އާދައިގެ ކޮށް ކޮށްލާފައި އޮތް ޕްރިންޓެއް މިއީ. މި ނޫޓް އައްޔަށް ދިއްކޮށްލީމައި ފެންނަ ސަލާމަތީ އެއްވެސް ސިފައެއް ވެސް ނެތް. ވަގުތުން އިނގޭނެ މިއީ އެއްގޮތަކަށް ވެސް އަސްލު ނޫޓެއް ނޫންކަން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ނޫޓް ފާހަގަވެފައި ވަނީ ހާބަރުގެ ސައިހޮޓަލަކުން މާރު ކުރި ފައިސާގެ ތެރޭގަ އެވެ. އެމްއެމްއޭ އިން ބުނީ އިތުރު އެހެން ނޫޓެއް އެގޮތަށް ފާހަގަވެފައި ނެތް ކަމަށެވެ.