ހަބަރު

ރާއްޖޭގެ ގާނޫނުތަކަށް އަމަލުކޮށްގެން ފިޔަވަޅު އަޅާކަށް ނުޖެހޭ: އާޒިމާ

ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ދިވެހި ދައުލަތުން އަމަލުކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއާ މެދު ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނޫންކަމަށް ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ވަފުދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމާ ވިދާޅުވީ، ރާއްޖެއާ މެދު ފިޔަވަޅު އަޅަން ގޮވާލާ މީހުން ދައްކާ ހުއްޖަތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ނުކުރުން ކަމަށް ވާނަމަ އެއީ އެއްވެސް ގޮތަކުން ބުރަދަނެއް ހުރި ސަބަބެއް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި ކަމަށް ރައީސް ނަޝީދު ވެސް އެއްބަސްވެވަޑައިގަންނަވާއިރު، އެއީ ނުވާ ކަމެއް ކަމަށް އެއްވެސް ބަޔަކު ދެކިގެން ނުވާނެ ކަމަށާއި ނަޝީދު ޖަލުގައި ހުންނެވީ އެމަނިކުފާނު ކުރެއްވި ކުށުގެ ސަބަބުން ކަމަށް ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގައިވެސް ގާނޫނުތަކެއް ހެދިފައިވާނެ ކަމަށާއި އެ ގާނޫނުތަކަށް އެގައުމަކުން ބޯލެނބުމަކީ އަދަބުދޭން ޖެހޭ ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ރައީސް ނަޝީދު ޖަލަށް ލާފައިވަނީ އެމަނިކުފާނަކީ މިއަދުގެ ސަރުކާރަށް ބިރެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް އާމާލް ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. ނަޝީދުވެސް ވަނީ އެމަނިކުފާނު ކުރެއްވި ކުށަށް އިއުތިރާފްވެވަޑައިގަންނަވާފަ. ރާއްޖޭގައިވެސް، އަދި ރާއްޖެއިން ބޭރުގައިވެސް. އެމަނިކުފާނު ކުށެއް ކުރެއްވި، ޖަލުގައި އެ ހުންނެވީ އެ ކުށުގެ ސަބަބުން. އެއީ ހަގީގަތަކީ. އެހެންވެ މި ބުނަނީ ބައިނަލްއަގުވާމީ މުޖުތަމައުތަކުން ނަޝީދު ޖަލުގަ ހުންނެވީތީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާކަށް ނުޖެހެއޭ،" އާޒިމާ ވިދާޅުވި އެވެ.

ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރު ވިދާޅުވީ، ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އދ އަށް ހުށަހެޅި ނަމަވެސް އެކަމާ މެދު އެއްވެސް ގޮތެއް އަދި ނުނިންމަވާ ކަމަށެވެ. ރާއްޖެއާ މެދު ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ، ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކޮށް ފިޔަވަޅު އަޅަންޖެހެނީ ރާއްޖެ ތަރައްގީގެ މަގުން ހިނގުމަށް މަސައްކަތް ކުރާތީ ތޯ ސުވާލު އުފައްދަވާފަ އެވެ.

"ރާއްޖެއިން ވަނީ ތިމާވެށީގެ ދާއިރާއިން ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްފަ. ރާއްޖޭގައި މިނިވަން ޑިމޮކްރަސީއެއް އެބަ އޮތް. މިނިވަންކަމާއެކު ހަބަރު ފޮނުވާ ނުވަ ޓީވީ ޗެނަލް އެބަ އޮތް، މިނިވަންކަމާ އެކު މަސައްކަތް ކުރާ 10 ނޫސް އެޖެންސީ އެބައޮތް. ނޫސްވެރިންނަށް މިނިވަން މާހައުލެއް އެބައޮތް. ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް މީޑީއާ އަށް ހުރަހެއް ނާޅާ. އިންސާނީ ތަރައްގީ ދެވަނައަށް އެންމެ މަތި ގައުމަކީ މި އޭޝިއާގައި ރާއްޖެ. 98 އިންސައްތަ ކުދިން ތައުލީމު ހާސިލްކުރޭ، މިއީ ތޯ އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ސަބަބަކީ،" އަލީ ނަސީރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅަން ބަޔަކު ގޮވާލާ ގޮވާލުމަކަށް ބައިނަލް އަގުވާމީ މުޖުތަމައުން އިޖާބަދީ، ފިޔަވަޅު އަޅާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ސަރުކާރުން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ޖަލުގައި ބަންދުކުރުމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލް އާމާލް ކްލޫނީ ވަނީ، އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ސިޔާސީ ގައިދީން މިނިވަން ކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާ، "ފްރީޑަމް ނައު" އާ ގުޅިގެން، ރާއްޖޭގައި އިންސާނީ ހައްގުތައް ހީނަރުވަމުން އަންނަ ކަމަށް ފާހަގަކޮށް ތަކުރާރުކޮށް ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނާ ފަރާތްތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ވައިޓް ހައުސްއާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ ލިސްޓެއް ވެސް ވަނީ ވައިޓްހައުސްއަށް ފޮނުވާފަ އެވެ.