ލައިފްސްޓައިލް

ޓޮބްލަރޯން ޗޮކްލެޓް އަލުން ފަރުމާ ކުރަން ޖެހިއްޖެ

ޓޮބްލަރޯން ޗޮކްލެޓް ޑިޒައިންކޮށްފައި އިންނަނީ މެޓަހޯން ފަރުބަދައިގެ ކުރި އިންނަ ގޮތަށެވެ. މެޓަހޯން ޕީކް އަކީ ސްވިޒަލެންޑް އާއި އިޓަލީގެ ގުޅޭ ބޯޑަރުގައިވާ 4478 މީޓަރު އުސް ފަރުބަދަ އެކެވެ.

ޓޮބްލަރޯން ޗޮކްލެޓާއި އޭގެ ޕެކޭޖިން ވެސް ފަރުމާ ކޮށްފައިވަނީ މި ފަރުބަދަ ރަމްޒުކޮށްދޭ ގޮތަށް ތިނެސްކަން ބައްޓަމަށެވެ. ނަމަވެސް މި ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން މިހާރު މި ޗޮކްލެޓް އުފައްދާ ފަރާތަށް ވަނީ މަޖްބޫރުވެފަ އެވެ. މިހާތަނަށް ސްވިޒަލެންޑްގައި އުފައްދަމުންދިޔަ މި ބްރޭންޑްގެ ޗޮކްލެޓްގެ ބައެއް އުފެއްދުންތައް ސްލޮވާކިއާ އަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އަލްޕައިން ޕީކް ލޯގަނޑަކުން ފެންނަން ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ މި ޗޮކްލެޓް އަލުން ފަރުމާކޮށް ބާޒާރަށް ނެރޭއިރު މި ޗޮކްލެޓްގެ ބާނީގެ ސޮއި ވެސް ހިމަނާނެ ކަމަށް މި ޗޮކްލެޓް ބްރޭންޑްގެ އެމެރިކާގެ ވެރިފަރާތުން ބުނެފައި ވެއެވެ.

އަލަށް ފަރުމާ ކުރާ ޕެކޭޖް ތައާރަފްކުރާއިރު އޭގައި ފަރުބަދައިގެ ލޯގޯ ޒަމާނީކޮށްފައި ވާނެ ކަމަށް މި ބްރޭންޑްގެ ތަރުޖަމާނު މޮންޑެލީޒް ބުނެފައި ވެއެވެ.

މީގެ ކުރިން ޓޮބްލަރޯން ޕެކޭޖްގައި ޖަހާފައި އިންނަނީ "ސްވިޒަލޭންޑްގައި ގާއިމްކޮށްފައިވާ" އެވެ. ކުރިން އިންނަނީ "ސްވިޒަލެންޑްގެ" އުފެއްދުމެއްގެ ގޮތުގަ އެވެ.

ޓޮބްލަރޯން ޗޮކްލެޓްގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހުނީ 2017 ވަނަ އަހަރު ސްވިޒަލެންޑުން ފާސްކުރި ގާނޫނެއްގެ ދަށުން ކިރުން އުފައްދާ ކާއެއްޗެތީގެ ބާވަތްތައް އެ ގައުމުގެ ނެޝަނަލް ސިމްބަލްސް ރަމްޒުކޮށްދޭ ގޮތަށް ޑިޒައިންކުރުން މަނާކޮށްފައިވާތީ އެވެ. އަލްޕައިން ޕީކް އަކީ އެ ގައުމުގެ ނެޝަނަލް ސިމްބަލް އެކެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މޮންޑަލޭޒް ބުނީ ސްވިޒަލެންޑުން ސްލޮވާކިއާ އަށް ބައެއް ޕްރޮޑަކްޝަން ބަދަލުކުރަން ނިންމީ މުޅި ދުނިޔޭގައި މި ޗޮކްލެޓަށް އޮތް ޑިމާންޑް އިތުރުވެފައިވާތީ ޑިމާންޑާ އެއްވަރަށް ޗޮކްލެޓް އުފެއްދުމަށެވެ.

އާ ޑިޒައިން ފަރުމާ ކުރުމުގައިވެސް ކުރީގެ ޑިޒައިނަށް ރިއާޔަތްކޮށްފައިވާނެ ކަމަށާއި މުޅި ޓޮބްލެރޯން ޗޮކްލެޓާއި ޕެކޭޖިން އިން ކުރީގެ ޑިޒައިންގެ މޫނުމަތި ކޮންމެވެސް ވަރަކަށް ފެންނާނެ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

ޓޮބްލަރޯން އަކީ 1908 ވަނަ އަހަރުން ފެށިގެން ސްވިސް މީހުން އުފައްދަމުންދާ ޗޮކްލެޓެކެވެ. ނަމަވެސް ޗޮކްލެޓްގެ ޑިޒައިން ފަރުބަދައެއްގެ ކުރި ގޮތަށް ބަދަލުކުރީ 1970ގައެވެ.

ޓޮބްލަރޯން އުފައްދާ އަގު ކުޑަކުރުމުގެ ނިޔަތުގައި 2016ގައި ޓޮބްލަރޯން ޗޮކްލެޓްގެ ކޮންމެ ބާއެއް ދޭތެރޭގައި އިންނަ ދުރުމިން އެއަށް ވުރެ ދުރުކުރުމުން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ ފަހުން އަނެއްކާވެސް ކުރިން އިންނަ ގޮތަށް ޗޮކްލެޓްގެ އުފެއްދުންތައް ވަނީ ބަދަލުކޮށްފަ އެވެ.