އުރީދޫ

އުރީދޫގެ ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04ރ. ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 125 ހިއްސާދާރުން ބައިވެރިވި އެވެ.

ހިއްސާއަކަށް 3.04ރ. ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 87 ޕަސަންޓް ވޯޓުންނެވެ.

އުރީދޫގެ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ 2.70ރ. އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ވަނީ ފާސްކޮށްފަ އެވެ.

އުރީދޫއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކުންފުނީގެ މާލީ ރިޕޯޓުން ދައްކަ އެވެ.