ދުނިޔެ

ޝީ ޖިންޕިން ތިންވަނަ ރިޔާސީ ދައުރަކަށް އިންތިޚާބުކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިން ފަސް އަހަރުގެ ތިންވަނަ ރިޔާސީ ދައުރަކަށް އަލުން އިންތިޚާބުކޮށްފި އެވެ. މިއީ އެ ގައުމުގެ ރައީސަކު ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޝީ ޖިންޕިންއަށް ތިންވަނަ ދައުރެއް ދިނުމަށްޓަކައި ޗައިނާގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިގޮތުން ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް އެންމެ ގިނަވެގެންވެސް އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އޮންނަ މާއްދާ ވަނީ އުވާލާފަ އެވެ.

ޗައިނާ ރައީސްގެ މަގާމަށް ޝީ ޖިންޕިން އެންމެ ފުރަތަމަ ވަޑައިގަތީ މާޗް 14، 2013 ގައެވެ. އެއަށްފަހު ފަސް އަހަރު ދުވަހުގެ މުއްދަތެއް ފުރިހަމަކުރައްވައި މާޗް 2018 ގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަަޑައިގެންނެވި އެވެ.

ޝީ ޖިންޕިންއަށް މި އަހަރުގެ ފަހުކޮޅު 70 އަހަރު ފުރޭނެ އެވެ. އެހެން ނަމަވެސް، ވެރިކަމުގައި ހުންނަވާނީ ކިހާ ދުވަހެއް ވަންދެންކަން ކަށަވަރެއް ނުވެ އެވެ.

އޭނާއަށް ތިންވަނަ ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ އެކު، އުމުރު ދުވަހު ވެސް ވެރިކަމުގައި ހުންނެވުމަކީ މިހާރު ވެސް ވަރަށް ނުފޫޒުގަދަ މަގާމުތަކެއް ހަވާލުވެ ވަޑައިގެން ހުންނެވި ޝީ ޖިންޕިންގެ އިޚުތިޔާރުގައި އޮތް ކަމެކެވެ.

ޗައިނާގެ ރައީސްގެ މަގާމަކީ ހަގީގަތުގައި މާބޮޑު ބާރުތަކެއް ލިއްބައިދޭ މަގާމެއް ނޫނެވެ. ޝީ ޖިންޕިންއަށް ބާރުތައް ލިއްބައިދެނީ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނާއި އަސްކަރިއްޔާގެ ވެރިޔާގެ މަގާމުންނެވެ.

ޝީ ޖިންޕިންއަށް ތިންވަނަ ދައުރަކަށް ހުއްދަދިނުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި އެއްވެސް މެމްބަރަކު ދެކޮޅު ހަދާފައެއް ނުވެ އެވެ. އެހެންކަމުން މި ވޯޓުން ދޭހަކޮށްދެނީ ޗައިނާގައި ޝީ ޖިންޕިންއަށް އޮތް ބާރާއި ނުފޫޒެވެ.

ޗައިނާގެ ރައީސްގެ މަގާމަށް ޝީ ޖިންޕިން ތިންވަނަ ދައުރަކަށް ހޮވޭނެކަން ކުރިންވެސް އޮތީ ކަށަވަރުވެފަ އެވެ. އެހެންނަމަވެސް ގާނޫ ހަދާ މަޖިލީޙުގެ ތެރެއިން އިންތިޚާބު ސައްހަކުރުމަށްޓަކައި މަޖިލީސް އެއްވެ ވޯޓު ނެގީ އެވެ.