އެމްޑީޕީ

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް

Mar 11, 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެ އެވެ.

މާލެ އާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށުގައިވެސް ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށެވެ.

ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ގުރައިދޫ، މާފުށި އަދި ގުޅި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަނީ އިބްރާހިމް ޝާޒް، އަބްދުﷲ ސައީދު، މުހައްމަދު މުސްތަފާ އަދި ސަލްމާން ރަޝީދު އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއަށް ދީފައިވާއިރު އެމްއެންޕީގެ ޓިކެޓް ވަނީ އަލީ އާރިފް ކިޔާ ބޭފުޅަކަށް ދީފަ އެވެ. ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީ އިން ވެސް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފަ އެވެ.