ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަގުތާ ހާލަތަށް ބައްލަވައިގެން ކަންކަމުގައި ވަރަށް ރީއްޗަށް ރިއެކްޓް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް -- އިބްރާހީމް ޝާޒްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ގުޅީގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ.
ސަމީރު ވިދާޅުވީ ރައީސްގެ ވަރަށް ގާތް އަދި ވަރަށް އަރިސް ބޭފުޅުން އެމަނިކުފާނާ ދޭތެރޭ އަމަލުކުރަނީ ފަހަތުން ވަޅި ޖަހާ އުސޫލުން ކަމަށެވެ. އަދި އެ ގާތް ބޭފުޅުން އިތުރަށް ސިފަކޮށްދެއްވަމުން ވިދާޅުވީ އެއީ ގޭތެރެއާ ހިސާބުން އަންނަ ބައެއް ކަމަށެވެ.
ރައީސްއާ މެދު އެގޮތަށް ބަޔަކު އަމަލުކުރަމުންދާއިރު ވެސް ރައީސް ޗުއްޕުވެސް ވިދާޅު ނުވާ ކަން ސަމީރު ފާހަގަކުރެއްވި އެވެ. ނަމަވެސް ވަގުތާއި ހާލަތާ އެއްގޮތަށް ރައީސް ރިއެކްޓް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ ރިއެކްޓް ކުރައްވަން އެނގިވަޑައިނުގަންނަވަނީއޭ. އަޅުގަނޑު ދަންނަވާނީ ރިއެކްޓް ކުރަން ޖެހިވަޑައިގަތީމާ އަދި ވަގުތާއި ހާލަތު ދިމާވީމާ ރިއެކްޓް ކުރައްވާނެއޭ،" ސަމީރު ވިދާޅުވި އެވެ.
ކަންކަމުގައި ރައީސް ރިއެކްޓް ނުކުރައްވާ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ ނިމިގެން ދިޔަ އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހަށް އަމާޒުކުރައްވާ އެ ވާހަކަ ދެއްކެވުމުންނެވެ.
ރައީސް ސޯލިހް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވާން ފެއްޓެވީ 2018 ވަނަ އަހަރު ރައީސް ސޯލިހާ ގުޅޭގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މީޑިއާގައި ވިދާޅުވި ވާހަކަފުޅަކާ ގުޅުވައިގެންނެވެ. އެ އިންޓަވިއުގައި ރައީސް ސޯލިހްގެ ކެތްތެރިކަން ސިފަކޮށްދެއްވަމުން އަނބިކަނބަލުން ވިދާޅުވެފައިވަނީ ބޮޑު ކަމެއް ދިމާވި ނަމަވެސް ރައީސް ސޯލިހް ރިއެކްޓް ނުކުރައްވާނެ ކަމަށެވެ.