ލައިފްސްޓައިލް

ކޮއްތުހަޓް: ތަނުގެ ހިތްގައިމުކަމާ ރަހަ ދިމާވޭތަ؟

ފެންނަ ފެނުމަށް އެއީ މިވަގުތު މާލޭގައި ހުރި އެންމެ ތަފާތު އެއް ރެސްޓޯރެންޓެވެ. ކޮންކްރީޓް ޖަންގަޔެއްހެން އޮތް މި މާލޭގައި މި އަށް ވުރެ ވަކި ފެހި މާހައުލެއް ނުވަތަ ރެސްޓޯރެންޓެއް ނެތޭ ވެސް ބުނެވިދާނެ އެވެ. އެތަނާ ޖެހިގެން އެއޮތް ސަލްޓަން ޕާކުގައި ވެސް މިހާރު ގިނަވާނީ ޕްކާސްޓިކް ގަހާއި ރުކެވެ.

އެހެންވީމަ އެހިސާބުގަނޑުން ހިނގާލާފައިދާ މީހާ ބަނޑުހައިވެގެން ނުވަތަ ހިތްހަމަޖައްސާލަން، އަދި ވައި ޖައްސާލަންވިޔަސް ކޮއްތުހަޓް އިހްތިޔާރުނުކުރަންވީ ސަބަބެއް ނެތެވެ.

އެކަމަކު ސުވާލެއް އެބައޮތެވެ؟ ކޮއްތު ހަޓްގެ ރީތިކަމާ އެއްވަރުގެ މީރުކަމެއް އެމީހުންގެ ޑިޝްތަކުގައިވޭ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމަށް އަދި ކޮއްތު ހަޓްގެ ހިތްގައިމުކަމުގެ ވާހަކަ ކިޔައިދިނުމަށް އަޅުގަނޑުމެންނާ އެކު މި ބައިވެރިވަނީ އެތަން ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރި ޝާން އެވެ. ޝާންގެ ސިއްރެއް ބުނެދޭކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ފެންނަން އެހެރަ ކޮއްތު ހަޓުގެ ނަލަ އެ މަންޒަރު ކުރެހީ ޝާންގެ ސިކުނޑިންކަމެވެ.

އަހަރެމެން މި ވާހަކަ ފަށަންވީ ކޮން ދިމާލަކުން ހެއްޔެވެ؟ ކޮއްތު ހަޓުން ލިބެން ހުރި އާދަޔާހިލާފު ކެއުމެއްގެ ވާހަކައިން ހެއްޔެވެ؟ ނުވަތަ އެތަނުގައި އިންދާފައި އެ އޮތް، މާލޭގައި ވެސް ނެތް ވަރުގެ ބޮޑު ބަގީޗާގެ ވާހަކަ އިންތޯ އެވެ؟

ހީވާގޮތުން ގިނައީ ބަނޑުހައިވެފައި ތިބި މީހުންނެވެ. އެންމެ ރަނގަޅުވާނީ ކެއުމެއްގެ ވާހަކައިން ފެށިއްޔާއެވެ.

ކޮއްތެއް ކަމަކު ދިވެހި ރަހައިގެ އައްޑާއެއް!

ކޮއްތަކީ ދިވެހި އުފެއްދުމެއް ނޫނެވެ. އެހެންވީމަ ދިވެހި ރަހަ ދެނީ ކޮއްތު ހަޓުގެ ކޮން ހިސާބެއްގައި ހެއްޔެވެ؟

"ޓޭކް އަވޭ ތަނެއްގެ ގޮތުގައި ކޮއްތު ހަޓް ފުރަތަމަ ޓޭކް އަވޭތަނެއްގެ ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ހުޅުވީ ލަންކާ ބަޔަކާއި ދިވެހި ބަޔަކު. އެމީހުން ހިންގީ ބޮޑަށް ޑެލިވަރީކޮށްދޭ ކަހަލަ ވިޔަފާރިއެއް. އެމީހުން އެތަން ދޫކޮށްލީމަ އަޅުގަނޑުމެން ނެގީ،" މިހާރު ފެންނަން އެހެރަ ކޮއްތު ހަޓަށް އެތަން ބަދަލުވުމުގެ ފުރަތަމަ މަރުހަލާއިން ޝާންގެ ވާހަކަ ފަށައިގަތެވެ.

"އޭރު އެތަން ހުރީ ހޮޓަލެއްގެ ގޮތުގައި. ލަންކާ މީހުންނަށް ކަމުދާ ވައްތަރުގެ ހެދިކާ އާއި ކޮއްތު ހާއްސައީ"

"އަޅުގަނޑުމެން ނަގައިގެން އެއް މަސް ވެސް ނުވަނީސް އެތަނުގެ އޭރުގެ ރެސިޕީތަކާއި ތައްޔާރުކުރި އެއްޗެހިތައް އެގޮތަށް ނަހަދަން ނިންމައިފިން. އެއީ މާލޭގައި އެކަން ފީސިބަލްނުވާތީ."

"ދެން ކައްކާ އިން ވެސް ބަދަލުކޮށްލީ. ލަންކާ މީހުންނާއި ބަންގާޅު މީހުން ގެނެސްގެން. ހަގީގަތަކީ ކޮންމެ މީހަކު ކެއްކިޔަސް ވަކި ރެސިޕީއަކަށް މި ކައްކަނީ. އޭރުން ނުކުންނަ ނަތީޖާ އަކީ އެކައްޗެއް."

އެ ނަތީޖާ އަކީ ދިވެހި ރަހަގަނޑެކެވެ. ކޮއްތު ޑިޝްތައް ހަދަމުން ޝާންގެ ޓީމުން ތަޖުރިބާކުރަން ފެށީ ދިވެހި ލޮނުމިރުސްގަނޑާއި ހަވާދެވެ. ޝާން ބުނާ ގޮތުން ތަނުގެ ފުރަތަމަ ތަފާތަކީ އަދި ބަދަލަކީ ވެސް އެއީ އެވެ.

"މި ތަނުގެ ފިހުނު ކުކުޅަކީ ދިވެހިން ލޮނުމިރުސްގަނޑު ހަދާހެން، ހަނާކޮށްގެން އެ ޕްރޮސެސްގެ ތެރެއިން ލޮނުމިރުސް ހަދައިގެން ދިވެހިން އެންމެ ކުރިން ވެސް ކުކުޅުފިހެ އުޅުނު ގޮތަށް އެ ރަހަ ގެނެސްދިނުމަށް ތައާރަފްކުރި އެއްޗެއް. އެހެންވީމަ ތަފާތެއް ހުންނާނެ،" ޝާން ކިޔައިދިނެވެ.

"ދެން އަލަށް އިތުރުކޮށްލީ، ރައިސް އާއި ނޫޑްލްސް އަދި އެންމެ ފާހަގަކޮށްލެވޭ އެއްޗަކަށް ހަނާކުރި ބޯވަ."

ހަނާކުރި ބޯވަ އަކީ ކޮއްތު ހަޓުގެ ކޮއްތު ޑިޝްތަކަށް ވުރެ ވެސް މަގްބޫލު ޑިޝްއެއް ކަމަށް ބުނެވެ އެވެ. މި ބޯވަ ޑިޝްތަކެއް ތައްޔާރުކުރުމަށް ޝާން އާއި އޭނާގެ ޓީމުން ދޭ ސަމާލުކަމުގެ ވާހަކަ ކިޔައި ނިމުމުން އެމީހުންގެ ހަނާކުރި ބޯވައިގެ ރަހަ ނުބެއްޏަސް އޭގައި ތަފާތެއް ހުރެދާނެ ކަމަށް ގަބޫލުކުރެވޭނެ އެވެ.

"ބޯވައިގެ ރަހަ އަށް ބަދަލު އާދޭ ނަގާގޮތަކުން ވެސް. ކޮށާ ގޮތަކުން ވެސް،" ޝާން ކިޔައިދިނެވެ.

"މާލެތެރެއިން އަޅުގަނޑުމެން އެކި ތަންތަނުން ބޯވަ ގެނެސްގެން ތައްޔާރުކުރީމަ އެއް ރަހައެއް އޭގައި ނުހިފެހެއްޓޭ. އެކި ފަހަރު އެކި ކޮލިޓީގެ ބޯވަ ލިބެނީ. އެހެންވީމަ ތައްޔާރުކުރާ ބޯވަ ޑިޝް މީރުވާނެ ކަމުގެ ޔަގީންކަމެއް ދޭކަށް ނުކެރޭނެތާ."

"އެހިސާބުން ނިންމީ މާލެ އިން ބޭރުން ސީދާ މިތަނަށް ހާއްސަކޮށްގެން ބޯވަ ގެންނަން. އެގޮތުން ގއ. އަދި ގދ އަތޮޅުން ބޯވަ ސަޕްލައިކުރާ މީހަކު ލައްވާ ބޯވެ ގެނައުމަށް މަސައްކަތްކުރީ. އެންމެފަހުން މިހާރު މި ތަނަށް ބޯވަ މި ގެންނަނީ ހއ. އިން. މިހާރު މި ގެންނަ ބޯވަ އަކީ އެމީހުން އެ ނަގާފަ ވަރަށް ރަނގަޅަށް ހަން ނޮޅާފަ އުން ބަހައްޓާފަ ހުންނަ ބޯވަ. ދިވެހިން އެންމެ ކުރިން ވެސް ކާނީ އަދި ދިވެހިންނަށް މީރީ ވެސް ހަންގަނޑު ނަގާފައި އުން ހުންނަ ބޯވަ،" މިހެން ބުނަން ޝާން އަށް ކެރެނީ އޭނާ އަށް އެކަން އަމިއްލަ އަށް ތަޖުރިބާކުރެވި ދިރާސާވެސް ކޮށްފައި ހުރީމަ އެވެ.

"ލޮނު ފެނުން ރަނގަޅަށް ދޮވެފައި ވެކިއުމް ޕެކްކުރާނީ. އެގޮތަށް ލޮނުފެނުން ދޮވެފައި އެއްގޮތަކަށް ވެސް ރީތިފެނުން ނުދޮވެ ބޯވަ ކެއްކީމަ އޭގެ ރަހަ އަށް ވަރަށް ބޮޑު ތަފާތެއް އާދޭ."

"ބޯވަ މީރު ގޮތަކަށް ކައްކާނީ ކިހިނެތްތޯ ބެލީ އަމިއްލަ ތަޖުރިބާއިންނާއި މިކަމަށް ތައްޔާރުވެގެން ކުރި ދިރާސާތަކުން. އާންމުކޮށް ރަށަކަށް ގޮސް ކާން ލިބޭ މީރު ބޯވައެއް ވެސް ތައްޔާރުކުރާ ގޮތް އަހާލެވޭ."

އެހެން ނަމަވެސް އޭނާ ބޭނުންވާ ކޮލިޓީއެއް ހަނާކުރި ބޯވައެއް ލަންކާ އާއި ބޭރުގެ އެހެން ކައްކާއިން ބޭނުންކޮށްގެން ތައްޔާރުކުރުންވީ އުނދަގޫ ކަމަކަށެވެ.

"ހަވާދުލައިގެން ހަނާކުރި ބޯވަ ތައްޔާރުކުރަން ބަލާއިރު ލަންކާ ނުވަތަ އިންޑިއާގެ މީހަކަށް އެކަން ދަސްކޮށް ދޭން އެއް ފަހަރު އަދި ދެ ފަހަރަކު ކިޔައިދިނަސް ބޭނުންވާ އަސްލު ދިވެހި ރަހައެއް ނާދޭ. އެހިސާބުން އަޅުގަނޑުމެން ހޯދީ ހަނާކުރި ބޯވަ ތައްޔާރުކުރާނެ އެކަން ދަންނަ ދިވެހި އަންހެނަކު."

އެއަށް ފަހު އެތަނުގެ ހަނާކުރި ބޯވައަކުން އަދިވެސް އެ ރަހައެއް ނުވެއްޓެ އެވެ.

"އެއްވެސް ތަނަކުން އަސްލު މިހާ ވަރުގެ އެފަޓެއް ނުލާވެ ސިންގަލް ބޯވަ ޑިޝްއެއްގެ ކޮލިޓީ ރަނގަޅުކުރުމަކަށް. މިހެން ހެދީމަ ވާގޮތަކީ އެއް ރަހައެއް އޭގައި ލާ ބޯވަ މިތަނުން ކާން ލިބޭނެ އަބަދުވެސް މިހާރު. އެއް ކޮލިޓީއެއްގައި،" ޝާން ބުންޏެވެ.

"ސީފުޑްގެ މީހަކަށް ފަރާޓާ އެކު ޖަހައިގެން ކާން އެންމެ ރަނގަޅުވާނީ މިތަނުން ހަނާކުރި ބޯވަ. އެކަމަކު ބޯވައިގެ އެކި ވައްތަރުތަކުގެ ޑިޝްތަކަށް ބަލާއިރު އެންމެ މީރުވާނީ ހަނާކުރި ބޯވައެއް ވެސް ނޫން. އެކަމަކު އެންމެ ވިކޭ ބޯވަ ޑިޝް އަކީ ހަނާކުރި ބޯވަ."

"ބޯވަ ޑިޝްތަކުގެ ތެރެއިން މި ތަނުގައި އެންމެ މީރުވާނީ ގްރިލްޑް ބޯވަ. އެއީ ހުސް ބޯވަ އާއި ލޮނުކޮޅެއް ލާފައި ތެލުލާފައި ނުވަތަ ގްރިލްކޮށްފައި ހުންނަ ބޯވަ. ޕާސަނަލީ ބުނަންޏާމު އެއީ އެންމެ މީރުވާނެ ބޯވަ ޑިޝްއަކީ މިތަނުގައި."

ދެ މީހަކަށް 150ރ. ގެ އަގަކަށް ހަނާކުރި ބޯވަ އާއި ފަރާޓާއިން ބަނޑުފުރުވާލެވޭނެ އެވެ.

"މިކޮޅުން ތައްޔާރުކުރާ ބޯވަ ޑިޝްއެއްގެ ތަފާތަކީ އޭގައި ބޯވަ ޕީސްތައް ގިނަވެފައި އެތިކޮޅުތައް ބޮޑުވެސްވާނެ. ކޮށާލާފައި ހުންނަ ބޯވަ ޕީސްއެއްގައި އިންޗިއެއް ހުންނާނެ. އާންމުކޮށް މި ޑިޝް ނަގާ މީހާ އަށް މަދުވާނީ ބޯވައެއް ނޫން. އިތުރަށް ގެންނަން ޖެހެނީ އާންމުކޮށް ފަރާޓާ،" ޝާން ބުންޏެވެ.

ދެން ވެސް ކެއުމުގެ ވާހަކަ އެވެ. ޗިކަން އެންޑް ޗީޒް ކޮއްތެވެ.

"މި ތަނުގައި އެންމެ މީރުވެގެން މީހަކު ރިޕީޓެޑްލީ ކާ އެއްޗަކަށްވާނެ ޗިކަން އެންޑް ޗީޒް ކޮއްތު. އެކްސްޓްރާ ޗީޒް އަޅާފައި ހުންނަ،" ކޮއްތު ހަޓް ކޮއްތު ހަޓަށްވުމުގެ އަސްލަށް ޖެހިލުމަށް ފަހު ޝާން ބުންޏެވެ.

ޖީއެސްޓީއާ ނުލައި މި ޑިޝްގެ އަގަކީ 70ރ. އެވެ. އެކްސްޓްރާ ޗީޒްއާ އެކު 25ރ. އިތުރުވެ އެވެ.

"އޭތި ކާ މީހުން ބުނަނީ ހީވަނީ ވަރަށް ގަދަ އަށް ޗީޒް އަޅާލާފައި އޮންނަ ޕިއްޒާއެއް ކަހަލަ ކޮއްތެއް ކެވޭހެންނޭ. އެކްސްޓްރާ ޗީޒް އަޅާފައި ހުންނަ ޗިކަން އެންޑް ޗީޒް ކޮއްތަކީ ޕިއްޒާއަކަށް ޗީޒްއަޅާފައި ހުންނަ ވަރަށް ޗީޒްއަޅާފައި ހުންނަ ޑިޝްއެއް. އެހެންވީމަ ޕިއްޒާއަކުން ޗީޒް ނަރު ދެމޭ ގޮތަށް އެއިން ވެސް އެގޮތަށް ޗީޒް ނަރު ދެމޭނެ. އެ ފީލް އަންނާނެ،" ތަނުގެ ޗިކަން އެންޑް ޗީޒް ކޮއްތު ވިތު އެކްސްޓްރާ ޗީޒް ސިފަކޮށްދެމުން ޝާން ބުނީ މިހެންނެވެ.

"މިތަނުގައި ހާއްސަ އެއްޗަކީ ކޮއްތު. އެހެންވީމަ ކޮއްތު ހަޓް ކިޔަނީ ވެސް. އެކަމަކު ހަމައެކަނި ކޮއްތު ރޮށި ވިއްކަން ހަދައިގެން ވެސް ކަމަކުނުދާނެތާ. ހޮޓަލެއް ހަދައިގެން ހަމައެކަނި އެތަނުގައި ގުޅައެއް ވެސް ނުވިއްކޭނެތާ."

ޝާން ބުނީ ކޮއްތުގެ ޑިޝްތަކުގެ އިތުރުން އެހެން ޑިޝްތައް ވެސް ތައާރަފްކޮށް ޕްރޮމޯޓްކުރަން މަޖުބޫރުވެފައި ވަނީ އެހެންވެގެން ކަމަށެވެ.

އެންމެ އަގުހެޔޮކޮށް މިތަނުން ކާން ލިބެން ހުރި ޑިޝްތަކުގެ ތެރޭގައި ވެސް ކޮއްތު ހިމެނެ އެވެ. އެއީ ޓޫނާ ކޮއްތެވެ. އެކަކަށް 55ރ. އަށެވެ.

"ވަރަށް މީރު އެއްޗެއް، ޕާސަނަލީ ބުނަންނާމު އަޅުގަނޑަށް ވެސް އެންމެ މީރު އެތި ޓޫނާ ކޮއްތު. އޭގެ ފެމިލީ ޕެކެއް އެބަލިބޭ 190ރ. އަށް،" ޝާންގެ ފެވަރިޓަކުން ކިޔައިދިނެވެ.

"ޓޫނާ ކޮއްތެއް ކައިގެން އެ މީހަކު ރިގްރެޓެއް ނުކުރާނެ. ކައި ނިމިގެން ދާނީ ހެޕީވެގެން. ގެރެންޓީ ހެޕީކޮށްލާނެ. އެއީ މި ތަނުގަ މަސްދަޅަކުން ހަދާނެ ދެ ކޮއްތުރޮށި. މިވަރަށް މަސް އަޅައިގެން ކޮއްތުރޮށި ކާން ލިބޭ އެހެން ތަނެއް މާލޭގައި ނުހުންނާނެ. އަޅުގަނޑުމެންނަށް މި ފެންވަރުގެ ކޮއްތު ތައްޔާރުކުރެވެނީ މަސްދަޅުގެ ސަޕްލައި ވެސް ރަނގަޅުވީމަ."

ޑިޝް ކަމުނުދާ ނަމަ ދޭނީ އާ ޑިޝްއެއް!

މިއީ ޝާން ބުނާ ގޮތުން އެމީހުންގެ ރެސްޓޯރެންޓްގެ ހިދުމަތުގެ ހާއްސަ ކަމެކެވެ. އޭނާ ބުނީ ކޮއްތުގެ އެކި ރަހަތަކާ އެކު އިތުރު ތަފާތު ޑިޝްތަކެއް ތައާރަފްކުރަން ފެށުމުން ތަނުގެ ޑިމާންޑް އޮތްވަރު އެނގުނު ކަމަށެވެ. ފަހަރެއްގައި އެ ޑިމާންޑް ގެއްލެން އޭނާ ބޭނުން ނުވަނީ އެވެ.

"ކޮންމެ މީހަކު ވެސް، ތަނަކަށް ގޮސް ވެސް އަދި ގޭގައި އިނދެ ތަނަކަށް އޯޑަރުކޮށްގެން ވެސް ކެއުމަކަށް އެގޮތަށް ލާރި ހަރަދަކުރާނީ ވަރަށް މީރުކޮށް ކާން ބޭނުންވާތީ. ކޮންމެ ގެއެއްގައި ވެސް ކައްކާނެ. ކެއްކެން ވެސް ހުންނާނެ. އެހެންވީމަ ގެއިން ނުކައި އަގު ދީފައި ބޭރުން ކާނީ މީރުކޮށް ކާން ބޭނުންވާތީ،" ޝާންގެ ވިސްނުން ހިއްސާކުރީ މިހެންނެވެ.

"ޝަކުވާ ވެސް އަންނާނެ. އަޅުގަނޑާ ހަމަ އަށް ސީދާ ޝަކުވާއެއް އަތުވެއްޖެ ނަމަ އެއީ ކޮންމެ އަގެއްގެ ޑިޝްއަކަށްވިޔަސް އެ އެއްޗެއް ރިޕްލޭސްކޮށްދޭނަން އަޅުގަނޑު. މިސާލަކަށް ރޭގަ ތިމަންނަމެންގެއަށް ގެންދިޔަ ޑިޝް ނުބައޭ، ސަކަރާތޭ ބުނެފި ނަމަ އެހިސާބުން އެ ނިމުނީ. ހަމައެކަނި ރަހަ ނުބައިވުން އެއީ އިނަފް."

"އަޅުގަނޑު އެ ޑިޝްއެއް އެމީހަކަށް ރިޕްލޭސްކޮށްދޭނީ އެހެންތަންތަނުން ހަދާހެން ކާއެއްޗެހިން އިސްތައްޓެއް ފެނިގެނެއް ނޫން. ތިމަންނަ އަށް މީތި ނުބައޭ ބުނުމަށް ފަހު އެ މީހަކަށް އާ ޑިޝްއެއް އަންނާނެ."

"އެކަމަކު މިތަނުގެ ކޮންމެ ކޮންމެ ސްޓާފަކަށް ޝަކުވާ ހުށަހަޅައިގެން މިހެން ނުވެދާނެ. އެހެން ނަމަވެސް ވަރަށް ގިނަ ވަގުތު އަޅުގަނޑު އުޅޭނަން މި ތަނުގައި."

އެތަނުގެ ނޫޑްލްސް ޑިޝްތައް ނުބައި ކަމަށް އެއްބަސް!

"މިތަނުގައި އެންމެ ގިނަ މީހުންނަށް ނުބައިވާ ޑިޝްއަކީ ނޫޑްލްސް. މިހެން ލިޔުނަސް މައްސަލައެއް ނެތް. މި ތަނުގައި ނުބައިވާނެ ނޫޑްލްސް ހަމަ. ވާގޮތަކީ ނޫޑްލްސްގެ ޑިޝްތައް މީރުކުރަން ހާއްސަ ސަމާލުކަމެއް ނުދެވޭ އަދި. އެހެން ތަންތަނުގައި ވެސް ނޫޑްލްސް ހަދާލާހެން ތައްޔާރުކޮށްލާފައި ދޭނީ،" ޝާން ބުނީ މިހެންނެވެ.

"މި ތަނުގެ މެއިން ޑިޝްއެއް ވެސް ނޫނެއް ނޫންތާ ނޫޑްލްސް އަކީ. ޕާސްޓާއެއް ވެސް ނުލިބޭނެ. ސޭންޑްވިޗް ތައާރަފްކުރިތާ ވެސް ވާނީ އަދި 10 ދުވަސް."

"ރައިސް އަށް ބަލާއިރު ވެސް ވޯތު ޑިޝްއަކަށް މިކޮޅުން ލިބޭނީ ނާސިގޮރިންގް އެކަނި އަދި. އެއާ އެކު ސާވްކުރާނެ ފިހުނު ކުކުޅު ޕީސްއެއް ވެސް."

"އަޅުގަނޑުމެން މި ބަލަނީ އެންމެން ވެސް ހިތްހަމަޖައްސައި ދެވޭތޯ. އެކަމަކު ހީއެއް ނުވޭ ފުޑް އިންޑަސްޓްރީގައި އެންމެން ހިތްހަމަޖައްސައިދެވޭނެހެން. އެއީ ޓޭސްޓް ބަޑް ތަފާތުވާނެތާ އެންމެންގެ ވެސް،" ޝާން ބުންޏެވެ.

އެތަނުގައި 563 ވައްތަރެއްގެ ގަސް!

ޝާން ބުނީ ކޮއްތު ހަޓް ނެގުމަށް ފަހު އެތަނުގެ ލުކްސް ބަދަލުކުރުމަކީ އެންމެކުރިން ވެސް ގެންގުޅުނު ހިޔާލެއް ކަމަށެވެ. އެގޮތުގެ މަތިން އޭނާ އާއި އޭނާގެ ހީވާގި ޓީމުން މިހާރު އެ ވަނީ ކުރީގެ ކޮއްތު ހަޓުހެން ހީވެސްނުވާ ފެންވަރަކަށް އެ ރެސްޓޯރަންޓް ތަރައްގީކޮށް ރީތިކޮށްފަ އެވެ.

އޭގެ ތެރެއިން ވަރަށް ގިނަ މަސައްކަތްކޮށްފައި ވަނީ ޝާންގެ ދެ އަތުންނެވެ. ކެއްކުމާ ހަމައިން ފެށިގެން ތަނުގެ އެތެރޭގެ ޑެކަރޭޝަންތަކުގެ މައި ސިކުނޑިއަކީ ވެސް ޝާން އެވެ. ކުރިން ގަސް އިންދުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ޝާން އެތަނުގައި އިންދާފައި އެ އޮތް ބަގީޗާ އަކީ ވެސް އަޖާއިބެއް ކަހަލަ ފެހިކަމެކެވެ.

"މި ތަނުގައި އިންދާފައިވާ ގަހުގެ އަދަދު އަރާނެ 563 އަށް. އަދި އޭގެ ތެރޭގައި ނުހުންނާނެ އެއް ވައްތަރެއްގެ ގަސްތަކެއް. އެއް ފެމިލީއެއްގެ ގަސްތަކެއް ހުއްޓަސް ކޮންމެ ގަހެއްގައި ފޮޅޭ މަލުގެ ކުލަ ތަފާތުވާނެ،" ޝާން ކިޔައިދިނެވެ.

"ޕްލާސްޓިކް އެއްވެސް ގަހެއް ނުހުންނާނެ މިތަނުގައެއް. އެތެރޭގެ ތަނބުތަކުގައި ވެސް މިހުރީ ހަމަ ފެންދީގެން އިންދާފައި ހުރި ގަސްތައް."

"ގަސް ގަންނަންވީމަ އަޅުގަނޑެއް ނުބަލާނެ ވަކި އަގަކަށް. މިސާލަކަށް 5000ރ. ދީފައި ވެސް ގަހެއް ގަނެލަފާނަން. ނުވަތަ 100ރ. އަށް ވެސް."

"އެކި ތަންތަނުން މި ގަސްތައް އެއްކޮށްފައި ވަނީ. މާލޭގައި ގަސް ވިއްކާ އެއްވެސް ފިހާރައެއް މިހާރު ނުހުންނާނެ މިތަނަށް ބައިވަރު ގަސް ނުގަންނަ. ރަށްރަށުން ގެނެސް މާރުކޭޓުގައި ވިއްކާ ގަސް ވެސް ހުންނާނެ. ހުޅުމާލެ އިން ވެސް 100 ވައްތަރެއްގެ ގަސް ގެނެވިފައި ހުންނާނެ."

"ގަސްތަކުގެ ނަންތަކެއް ނޭނގޭ އެއްގޮތަކަށް ވެސް. އެއީ ކޮއްތު ހަޓުގެ ކުރިންނެއް ގަސް އިންދައެއް ނޫޅެން. އެއްވެސް ވަރަކަށް. މިއީ އިންޓްރެސްޓެއް ވެސް ނޫން. އެކަމަކު މިހާރު މި ވަނީ އިންޓްރެންޓަކަށް ވެފައި. މިކަން ދަސްވެ ރީތިވާތީ މީގައި ވާ ގޮތް ވސް ބަލަން ޖެހޭ."

ތަނުގެ ހިތްގައިމުކަމުގެ އެންމެ ބޮޑު ސިއްރަކީ ޔަގީނަށް ވެސް މި ގަސްތަކުގެ ފެހިކަމެވެ.

"ވަރަށް ރީއްޗޭ ބުނޭ އެންމެން ވެސް. އާންމުކޮށް މިވަރުގެ ހަރަދެއް ނުކުރާނެދޯ ބަޔަކު މިކަހަލަ ކަމަކަށް. އެއްވެސް ކަމެއް ކުރަންޏާ ކުރަންވާނީ މިހެން".