ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސްކުރަން ގޮވާލައިފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރުން ފެށިގެން އައި ފަސް އަހަރުގައި ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގައި އިއްވާ ރިޔާސީ ބަޔާންތަކުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

ރައީސް ސޯލިހްގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މާލޭގެ އެއްވެސް ރައްޔިތަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދު އެމްޑީޕީގެ މެނިފެސްޓޯގައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭވަރުުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދު ގަރާރުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން މާލޭގައި އެކަށީގެންވާވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ކޮށައިދެވޭނެކަން މެނިފެސްޓޯގައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މާލޭގެ އެކިއެކި ގޭގެއަށް ވަޑައިގެން ވަކި އުސޫލެއް ހަމައެއްނެތި ގޯއްޗާއި ފްލެޓުދޭނެ ކަމަށް ވިދާޅުވެ އޮޅުވާޅަމުން ގެންދަވާ ކަމަށް މި ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅާފައިވާއިރު ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށާއި ދަނޑުވެރިންގެ ސަބްސިޑީގެ ވައުދު ފުއްދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފަ އެވެ.