މި ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ލިބުނު ބިމުގައި ގެދޮރު އިމާރާތްކުރުމަށް ހަ ޕަސަންޓް އިންޓަރެސްޓްގައި ލޯނު ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެމްޑީޕީގެ ގްރޭޓާ މާލެ މެނިފެސްޓޯ -- އުފާވެރި މާލެ މެނިފެސްޓޯގައި ހިމެނޭ މާލީ ބުރައަކަށްނުވާނޭ ގެދޮރުވެރިކަން ސިޔާސަތުގައި ބޯހިޔާވަހިކަމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
އެގޮތުން ގްރޭޓާ މާލެ ރައްޔިތުންނަށް ލިބުނު ބިމުގައި ގެދޮރު އިމާރާތްކުރުމަށް ހަ ޕަސަންޓް އިންޓަރެސްޓް އަދި 10 ޕަސަންޓް އިކުއިޓީ އަށްވުރެ ބޮޑު ނުވާނެހެން ލޯނު ދިނުމަށް ވަނީ ހިމަނާފަ އެވެ.
ގޭގެ ބެހެނިވެރިން ދިރިއުޅުމަށް އެކަށޭނަ ޖާގައެއް ހިމެނޭ މިންވަރަށް ގެދޮރު އިމާރާތްކޮށްދީ ދިގު މުއްދަތުން ފައިސާ އަނބުރާ ދެއްކޭނެ އުސޫލެއް ހަމަޖެއްސުމަށްވެސް މެނިފެސްޓޯގައި ކަނޑައަޅާފައިވެ އެވެ.
ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމެއްގެ ބަދަލުގައި އެހެން ބޯހިޔާވަހިކަމަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެތަނެއްގެ އޯނަޝިޕް ބަދަލުކޮށް ދައްކަން އޮންނަ މިންވަރެއް ޓްރާންސްފާވާ އުސޫލުން ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަން ދޫކޮށްލެވޭނެ ނިޒާމެއް ތައާރަފުކުރުމަށް ނިންމާފައިވެ އެވެ.
މެނިފެސްޓޯގައި ހިމަނާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށް އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސް ހަދާ ފަސޭހައިން ކުއްޔަށް ހިފޭނެ ނުވަތަ އަމިއްލަ ކުރެވޭނެ މަގުފަހިކުރުން ހިމެނެ އެވެ.
މީގެ އިތުރުން ފުދުންތެރިކަން ކުޑަ މީހުންނަށް އިސްކަންދީގެން ކައުންސިލް ހައުސިން ތައާރަފުކުރުމަށް ވަނީ ނިންމާފަ އެވެ.