ލައިފްސްޓައިލް

ކައިވެނި ޕާޓީއަކަަށް ކުޅަނދުރު އައިނެއްގެ ހަމަލާއެއް

އިންޑިއާގެ ގުޖުރާތުގައި އޮތް ކައިވެނި ޕާޓީއެއްގައި ބައިވެރިވި ބަޔަކަށް ކުޅަނދުރުތަކެއް އައިސް ހަމަލަ ދީފި އެވެ.

މަހިސާގަރް ޑިސްޓްރިކްޓްގެ ސަންތުރަމްޕޫރު އަވަށުގެ އަންހެނަކާ ކައިވެނިކުރަން އެހެން އަވަށެއްގެ ފިރިހެނަކު ދިޔައީ ބެރުޖަހާ ދުންމާރި ފުމެމުން ފައިމަގުގައި ހިނގާފަ އެވެ. އޭނާއާ އެކު ގިނަ އަދަދެއްގެ މީހުން ހިމެނޭ ބޭންޑް ޕާޓީއެއްވެސް ދިޔަ އެވެ.

މި އެންމެން ގެންދިޔައީ އަޑުގަދަކޮށް ލަވަޖަހާ ނަށަމުންނެވެ. ކައިވެނިކުރަން ހަމަޖެހިފައި އޮތީ ހާމައަށް އޮތް ދަނޑެއްގަ އެވެ. ކައިވެނި ބާއްވަން ހަމަޖެހިފައިވާ ތަނުގައި މަތީގައި ސަތަރި ޖަހާ ޒީނަތްތެރި ކޮށްފައި ވެއެވެ.

މި ދަނޑުގެ ވަށައިގެން ވަރަށް ގިނަ ބިޔަ ގަސްތައް ހުރެ އެވެ. އެ ގަސްތަކުގައި ހަތާ ހަދައިގެން އެތައް ހާސް ކުޅަނދުރުތަކެއް ދިރިއުޅެ އެވެ.

ކައިވެނިކުރާ ހޯލާ ވަރަށް ކައިރިއަށް މި ބޭންޑް ޕާޓީ އަށް ދެވުނުތަނާ ކުއްލިއަކަށް މިތަނުން ކުޅަނދުރު ހަތައެއްގައި ތިބި ކުޅަނދުރުތަކެއް އައިސް ނަށަން ތިބި މީހުންނަށް ހަމަލަ ދޭން ފެށި އެވެ. ބާރު މިއުޒިކުން ކުޅަނދުރުތަކަށް އުނދަގޫ ވެގެން ރުޅިގަދަވީ ކަމަށް ބެލެވެ އެވެ.

ކުޅަނދުރުގެ ހަމަލާތަކުގައި 100 ވަރަކަށް މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި މީގެ ތެރެއިން ބައެއް މީހުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ ކަމަށް މި ހަބަރުގައި ބުނެފައި ވެއެވެ.

ކުޅަނދުރުތައް ކުއްލިއަކަށް ހަމަލަ ދޭން ފެށުމުން މެހެމާނުންތައް ކޮޅުކޮޅަށް ދުވަން ފިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެސޮރުމެން ވަނީ 100 އަށް ވުރެ ގިނަ މީހުންނަށް ހަމަލަ ދީފަ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ މޫނު ވަގުތުން ދުޅަވެގެން އެރިކަމަށް ވެއެވެ.