ރައީސް އޮފީސް

ރޯދަ މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ.

ރޯދަ މަހުގެ ދުވަސްތަކުގައި ކަނޑައަޅާފައިވާ ރަސްމީ ވަގުތުގެ ތެރޭގައި މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށްވެސް ރައީސް އޮފީހުން ވަނީ އޮފީސްތަކަށް އަންގާފަ އެވެ.

ރާއްޖޭގައި ރަމަޟާން މަހުގެ ރަސްމީ ވަގުތު ކަނޑައަޅަނީ އަބަދުވެސް އާންމު ދުވަސްތަކަށްވުރެ މަދު ވަގުތު މަސައްކަތް ކުރާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހެވެ.