ފިނިޕޭޖް

ޓެމްސް އެކަޑަމީ އެވޯޑް ޝޯއަށް ލީ ހެދުމަށް ފާޑުކިއުން

މިއަހަރުގެ އެކަޑަމީ "އޮސްކާ" އެވޯޑްސްގެ ބެސްޓް އޮރިޖިނަލް ސޯންގަށް "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ"ގެ ލަވަ "ލިފްޓް މި އަޕް" ނޮމިނޭޓްވި އެވެ.

މިއީ ރިއާނާ ކިޔާފައިވާ، ނައިޖީރިއާގެ ލަވަ ކިއުންތެރިޔާ އަދި ލިޔުންތެރިޔާ ޓެމިލާޑޭ "ޓެމްސް" އޮޕިނެޔީ ހެދި ލަވައެކެވެ.

މި އެވޯޑް ޓެމްސްގެ ބަދަލުގައި، އެސްއެސް ރާއްޖަމޫލީގެ "އާރްއާރްއާރް"ގެ "ނާޓޫނާޓޫ" ހެދި އެމްއެމް ކީއްރަވާނީއަށް ލިބިފައިވާއިރު، ޓެމްސް އަށް ސަމާލުކަން ލިބުނީ އޭނާ އެ ޝޯއަށް ލައިގެން ދިޔަ ހެދުމުންނެވެ.

ލީވާ ކުޓުއާގެ ވިލާ ގަނޑަކުން އިންސްޕިރޭޝަން ހޯދައިފައިވާ މި ހެދުމަކީ ހުދު ކުލައިގެ، ޓުލް ފޮތިން ފަހާފައިވާ އެއް ކޮނޑު ހުރި އާކިޓެކްޗަރަލް ރެޕް-އަރައުންޑް ހެދުމެކެވެ. މި ހެދުމުގެ ސްކާޓް ބިއްމަތީގައި ކޭއްތޭ ވަރުވީއިރު، އެއް ފަރާތުގައި ފަލަ މަސްގަނޑާ ހިސާބަށް ފަޅާފައިވެ އެވެ. އަދި ހެދުމުގެ ކޮނޑުމަތިން ގޮސް ބޮލަށް ވުރެއް އުސް ވިލާގަނޑެއްގެ ބައްޓަމަށް ފޮތި ބޭނުންކޮށްފައިވެ އެވެ.

މި ހެނދުން ކިތަންމެ ރީތި ނަމަވެސް، ހެނދުމުގެ ސަބަބުން ޓެމްސްއާ ޖެހިގެން އިން މީހާ އާއި ފަހަތުގައި ތިބި މީހުންނަށް އެ ޝޯ ނުފެންނާނެ އެވެ.

ޓެމްސް އެ ޝޯގައި އިށީނދެ އިންދާ ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާގައި ދައުރުވީއިރު، ގިނަ އަދަދެއްގެ މީހުން ވަނީ ޓެމްސްގެ އަމިއްލަ އެދުން ބޮޑު ކަމަށާއި އަނެކާއާ މެދު ނުވިސްނާ ކަމަށް ބުނެ، ފާޑު ކިޔާފަ އެވެ. އަދި އެ ޝޯގައި ހުރެ، އެ ޝޯ ފެނުމުން މަހްރޫމްވި މީހުންނާމެދު ހަމްދަރުދީވާ ކަމަށާއި ޖެހިގެން އިން އަންހެން މީހާ ފުރާނަ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރަނީ ކަމަށްވެސް ބުނެފައިވެ އެވެ. ބައެއް މީހުން އެ ކޮމެންޓްތަކަކީ ނަސްލީ ތަފާތުކުރުން ކަމަށްވެސް ބުނެފައިވެ އެވެ.

މި ފާޑުކިއުންތަކުގެ ރައްދުގައި ޓެމްސް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި އެ ހެދުމުގެ 10 ފޮޓޯ ޕޯސްޓްކޮށް، "އޫޕްސް" އޭ ކެޕްޝަންގައި ލިޔެފަ އެވެ. އަދި އެކަމަށް އޭނާ މައާފަށް އެދިފައެއް ނުވެ އެވެ.