ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމުމާ ގުޅިގެންނެވެ.
އަލީ ޒާހިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ލީޑަޝިޕްގައި އެމްޑީޕީ އިސްވެ އޮވެ އަދާލަތު ޕާޓީއާއި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެވޭނެކަން ޔަގީންވާ ކަަމަށެވެ.
ޖޭޕީ މިހާރު ވެސް އޮތީ ވެރިކަން ކުރަމުންދާ ރައީސް ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައި މިވަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
ޖޭޕީން މިއަދުގެ ނިންމުން ނިންމުމުގެ ކުރިން ރައީސް ސޯލިހްގެ މަންދޫބުންނާއި ޖޭޕީއަށް ނިސްބަތްވާ ނައިބް ރައީސް ފައިސަލް ނަސީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވެސް ވަނީ ގާސިމާ ބައްދަލުކުރައްވާ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ތަކުރާރުކޮށް ދައުވަތު ދެއްވާފަ އެވެ.