ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެސްޑީއެފް ބެލެހެއްޓުން ފިނޭންސްއަށްދޭ އިސްލާހު ތަސްދީގުކުރައްވައިފި

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. ރައީސް މި ބިލު ތަސްދީގުކުރެއްވުމުން މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

އިސްލާހާއެކު އެސްޑީއެފްއަށް ޖަމާކުރާނެ ފައިސާ އާއި އެ ފަންޑުން އިންވެސްޓްކުރުމާއި ހަރަދުކުރުމުގެ ސިޔާސަތު ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެފަންޑް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން އެސްޑީއެފް ބަލަހައްޓަން ޖެހޭއިރު އެސްޑީއެފް އިންވެސްޓް ކުރާނެ ގޮތްތައް ނިންމަން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ އެވެ.

އޭގެ އިތުރުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށާއި ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރަށެވެ.

ދައުލަތުގެ ދަރަންޏަށް ފައިސާ ނަގަންވާނީ، އެ ދަރަނި ނެގުމުގެ ސަބަބުން ގައުމުގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދެވޭނީ އެ ގެރެންޓީއެއް ދިނުމުން ގައުމުގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ގެރެންޓީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އިސްލާހުގައިވެ އެވެ.