ޕީޕަލްސް ކަޕްގައި މިރޭ މެލޭޝިއާގެ ޕީޑީއާރްއެމްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، ޕީޑީއާރްއެމް އަކީ މާޒިޔާ އަށް ބަލިނުކުރެވޭނެ ޓީމެއް ނޫން ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މި ދެ ޓީމުން ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މުބާރާުތުގެ ފުރަތަމަ މެޗުގައި ސިންގަޕޫރުގެ ލަޔަންސް ޓުވެލް އަތުން 2-1 އިން މާޒިޔާ މޮޅުވިއިރު، މި މުބާރާތުގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ޕީޑީއާރްއެމް މޮޅުވީ 1-0 އިންނެވެ.
ޕީޑީއާރްއެމް އާއި މާޒިޔާ މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް، ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާނެ އެެވެ.
މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ ޕީޑީއާރްއެމް އަކީ ވަަރަށް މޮޅު ޓީމެއް ކަމަށެވެ. އެކަމަކު ޕީޑީއާރްއެމް އަކީ މާޒިޔާ އަށް ބަލިނުކުރެވޭނެ ޓީމެއް ކަމަށް ގަބޫލްނުކުރާ ކަމަށެވެ.
"ފުރަތަމަ މެޗުގައި ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނީ. އެކަަމަކު ޕީޑީއާރްއެމް އަކީ ލަޔަންސް އަށްވުރެ ތަންކޮޅެއް ތަފާތު ޓީމެއް. އަޝްފާގާއެކު ދެން އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިން ތަފާތު. އެކަމަކު ޕީޑީއާރްއެމް އަތުން މާޒިޔާ އަށް ޕޮއިންޓެއް ހޯދުން ނުވަތަ މޮޅުނުވެވޭނެ ކަމަށް ގަބޫލެއް ނުކުރަން. ރަނގަޅު ޕްލޭނަކާއެކު ރަނގަޅަށް މަސައްކަތްކުރަންޖެހޭނީ،" ސުޒޭން ބުންޏެެވެ.
ސުޒޭން ބުނީ ދަގަނޑޭއާ އިދިކޮޅަށް ނުކުންނައިރު، މާޒިޔާގެ ޑިފެންސް އިން އޭނާ އަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ.
"އަޝްފާގް ހުންނައިރު ވަރަށް ބޮޑާށް ވިސްނަންޖެހޭނެ. ސަރަހައްދުގައި ހުރި އެންމެ މޮޅު ކުޅުންތެރިއާއާ ދެކޮޅަށް ކުޅޭއިރު ޑިފެންސް ރަނގަޅުވާން ޖެހޭނެ. ލަޔަންްސްއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ޑިފެންސް ރަނގަޅުވާންޖެހޭނެ،" ސުޒޭން ބުންޏެވެ. "ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަޝްފާގް އެފަޓެއް ލި ކޮންމެ ފަހަރެއްގައި ހުސް ޗާންސްތަކެއް ކްރިއޭޓްކުރި. އަޝްފާގަކީ އާދައިގެ ކުޅުންތެރިއެއް ނޫންކަން. އޭނަ ބޭނުންވީމަ ސާބިތުކޮށްދިން."
ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައުޒީ ބުނީ މާޒިޔާއާ ދެކޮޅަށް ކުޅެން އެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާ ގުޅިގެން އެ ޓީމުގެ ސްކޮޑަށް ދެ ތިން ބަދަލެއް ގެންނަން ޖެހިދާނެ ކަމަށެވެ.
"މާޒިޔާއާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ. އެއީ ވެސް ވަރުގަދަ ޓީމެއް. އަނިޔާގެ މައްސަލަތަކެއް އުޅޭތީ ބަދަލުތަކެއް ފެނިދާނެ،" ފައުޒީ ބުންޏެވެ.