ޑޮމެސްޓިކް އެއާޕޯޓް

ތިން އެއާޕޯޓެއްގެ ރަންވޭ ލައިޓްގެ މަސައްކަތް ދެ މަސް ތެރޭ ނިންމަނީ

Mar 16, 2023
1

މިހާރު ހިދުމަތް ދެމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ތިން އެއާޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް ދެ މަސް ތެރޭގައި ނިމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ ތިން އެއާޕޯޓެއްގައި ނައިޓްލޭންޑިން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓާއި ހއ. ހޯރަފުށީ އެއާޕޯޓުގެ އިތުރުން މާވަރުލު އެއާޕޯޓް ކަމަށް ވިދާޅުވި އެވެ.

"ކުޅުދުއްފުށީގެ ނައިޓްލޭންޑިން މަސައްކަތް ނިންމާލަން އަޅުގަނޑުމެން މި ބަލަނީ މި ފެށޭ ރޯދަމަހުގެ ފުރަތަމަ ކޮޅު. އަދި ހަމައެއާއެކީގައި މާވަރުލު، ހޯރަފުށީގެ ދެ އެއާޕޯޓުވެސް އެކުއެކީގައި ކުރިއަށް ދެ މަހެއްގެ ތެރޭގައި އަޅުގަނޑުމެން ނިންމާލާނަން،" ރިޒުވީ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނި އުފެދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެެއް ކުރެވިފައިވާ ކަމަށް ރިޒުވީ ވިދާޅުވި އެވެ.

ކުންފުނީގެ ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ މަސައްކަތްކުރާ ދާއިރާއިން ތަމްރީން ލިބިފައިވާ މުވައްޒަފުން ކަމަށާއި ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ އިކުއިޕްމަންޓްސް 80 ޕަސަންޓް ހަމަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"މުޅިން އާ އިކުއިޕްމަންޓާއެކީގައި އެއާޕޯޓް ސިވިލް އޭވިއޭޝަން ސްޓޭންޑަޑަށް ގެނެވިއްޖެ." ރިޒުވީ ވިދާޅުވި އެވެ.

ރިޒުވީ ވިދާޅުވި ގޮތުގައި މިހާރު ގެންނަ ސްކޭން މެޝިންފަދަ އިކުއިޕްމަންޓްތަކަކީ މުޅިން އާ ޒަމާނީ އިކުއިޕްމަންޓްސް އެވެ.